އިސްރާއީލަށް އަދަބު ދޭނީ އެންމެ ރަނގަޅު ގޮތުގައި: އީރާން

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ޑެޕިއުޓީ ކޮމާންޑަރު އަލީ ފަދާވީ. ފޮޓޯ/އިންގްލިޝް އަރަބިއާ

އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަވަނިކޮށް ޝަހީދުކޮށްލި ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުގެ އިސް ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމުގެ ބަދަލު ހިފަން އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޢަލީ ހާމަނާއީ ކުރި އަމުރު ތަންފީޒު ކުރާނީ އެންމެ ރަނގަޅަށް ކަމަށް އީރާނުގެ އަސްކަރީ ކޮމާންޑަރަކު ވިދާޅުވެއްޖެއެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ޑެޕިއުޓީ ޗީފް ކޮމާންޑަރު އަލީ ފަދާވީއާ ހަވާލާދީ އީރާނުގެ ތަސްނީމް ނޫސް އެޖެންސީން ބުނެފައިވަނީ އެ މަރުތަކުގެ ބަދަލު ހިފުމަށް ޚާމަނާއީ ކުރެއްވި އަމުރުތައް ވަރަށް ސާފު އަދި ސީދާ ކަމަށެވެ. އަދި، އެ އަމުރުތައް ތަންފީޒުކުރާނީ އެންމެ ރަނގަޅަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހަނިއްޔާ ޝަހީދުކޮށްލިތާ މާ ގިނައިރުތަކެއްނުވެ، ޚާމަނާއީ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހަމާސްގެ ލީޑަރުގެ މަރުގެ ބަދަލު ހިފުމަކީ އީރާނަށް ވާޖިބު ކަމެއް ކަމަށެވެ.

ހަނިއްޔާ ތެހެރާނަށް ވަޑައިގެންނެވީ އީރާނުގެ ރައީސް މަސޫދު ޕެޒެޝްކިއަންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. ޝަހީދުކޮށްލައިފައިވަނީ އީރާނުގައި އޭނާ އާންމުކޮށް ހުންނަވާ ހޮޓަލުގެ ކޮޓަރީގައި ހުންނަވަނިކޮށެވެ.

ޝުކްރަށް ދިން ހަމަލާއާއި ހަނިއްޔާއަށް ދިން ހަމަލާގައި ވެސް އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

ހަނިއްޔާގެ އިތުރުން މިދިޔަ ހަފުތާގައި ހިޒްބުاللهގެ އެންމެ އިސް ކޮމާންޑަރު ފުއާދު ޝުކްރު ބެއިރޫތުގައި ޝަހީދުކޮށްލި ފަހުން މެދުއިރުމަތީގެ މަޝްރަހު އެހާ ރަނގަޅެއް ނޫނެވެ. އީރާނާއި އެ ގައުމުގެ ސަރަހައްދީ ޕްރޮކްސީން ކަމަށްވާ ލުބުނާނުގެ ހިޒްބުاللهއިން ވެސް ވަނީ އެ ހަމަލާތަކުގެ ޒިންމާ އިސްރާއީލުގެ މައްޗަށް އުފުލާ ބަދަލުހިފާނެ ކަމަށް ވައުދުވެފައެވެ.

ޝުކްރު ޝަހީދުކޮށްލި ކަމަށް އިސްރާއީލުން އެއްބަސްވި ނަމަވެސް ހަނިއްޔާ ޝަހީދުކޮށްލިކަމުގެ ޒިންމާ އެ ގައުމުން އުފުލައިފައެއްނުވެއެވެ.

comment ކޮމެންޓް