ބްރެޒިލްގެ ސައޯ ޕައުލޯ ސްޓޭޓުގައި ބޯޓެއް ވެއްޓި އެ ބޯޓުގައި ތިބި 61 މީހުން މަރުވެއްޖެއެވެ.
އެ ބޯޓު ވެއްޓުނީ ޕަރާނާގެ ދެކުނު ސްޓޭޓްގެ ކަސްކަވެލްއިން ސައޯ ޕައުލޯ ސިޓީގެ ގުއަރޫލްހޯސް އެއާޕޯޓަށް ދަތުރުކުރަމުން ދަނިކޮށް ވިންހެޑޯ ޓައުންއަށް ކަމަށް ވޮއެޕާސް އެއާލައިނުން ބުނެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފުޓޭޖުތަކުން ފެންނަ ގޮތުގައި ބޯޓު ވެއްޓިފައިވަނީ އެކޮޅުކޮޅުން އެނބުރެމުންނެވެ.
އޭޓީއާރު 72-500 އެ ބޯޓުގައި 57 ފަސިންޖަރުންނާއި ހަތަރު ފަޅުވެރިން ތިއްބެވެ. ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި ބޯޓުގައި ތިބި އެކަކު ވެސް ސަލާމަތެއްނުވެއެވެ.
ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒީއާ ވިދާޅުވެފައެވެ. ސައޯ ޕައުލޯގެ ސްޓޭޓްގެ ގަވަރުނަރު ޓާސިސިއޯ ގޮމޭސް ޑި ފްރެއިޓާސް ވަނީ ގައުމީ ހިތާމަ ފާޅުކުރުމަށް ތިން ދުވަސް ރަސްމީ ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅައިފައެވެ.
ބޯޓު ވެއްޓުނީ މީހުން ދިރިއުޅޭ ސަރަހައްދަކަށް ނަމަވެސް ބޯޓުގައި ތިބި މީހުން ފިޔަވާ އިތުރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރެކިން ވެބްސައިޓް 'ފްލައިޓްރާޑާ24'އިން ބުނާ ގޮތުގައި ބޯޓު ކަސްކަވެލްއިން ފުރީ ބްރެޒިލް ގަޑިން 11:56 ގައެވެ. އެ ބޯޓުން އެންމެ ފަހުން ސިގްނަލް ލިބުނީ އޭގެ ގާތްގަނޑަކަށް ދޮޅު ގަޑިއިރު ފަހުންނެވެ.
ބްރެޒިލްގެ ސިވިލް އޭވިއޭޝަން އެޖެންސީން ބުނީ، 2010 ވަނަ އަހަރު އުފެއްދި ބޯޓު އޮތީ ރަނގަޅު އޮޕަރޭޓިން ހާލަތެއްގައި ކަމަށާއި އަދި ސައްހަ ރަޖިސްޓްރޭޝަނާއި އެއާވާތީނެސް ސެޓްފިކެޓްތައް ވެސް ހުރި ކަމަށެވެ.
އެ ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބި ހަތަރު ފަޅުވެރިންނަކީ ވެސް ޑިއުލީ ލައިސަންސް ލިބިފައިވާ އަދި ޝަރުތުތައް ހަމަވާ ބައެއް ކަމަށް ސިވިލް އޭވިއޭޝަން އިދާރާއިން ބުނެއެވެ.
މިއީ 2007 ވަނަ އަހަރުގެ ފަހުން ބްރެޒިލްގައި ބޯޓެއް ވެއްޓިގެން މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި ހާދިސާއެވެ.