މާލޭ ސިޓީ ކައުންސިލުގެ މުނިސިޕަލްޓީގެ ބޭނުމަށް ގެނައި ކޮޅުވެއްޓިއެއްގެ މައްސަލައެއްގައި އެ ކައުންސިލުން އެއް މަސްތެރޭ 1.1 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން އިއްޔެ ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ މައްސަލާގައި މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ކަސްޓަމްސްއިން ދައުވާކޮށްފައި ވަނީ އެ އުޅަނދުގެ އިމްޕޯޓު ޑިއުޓީ ދެއްކުމަށް އެދުމުން ވެސް އެކަމަށް ކައުންސިލުން އިންކާރުކުރި މައްސަލާގައެވެ.
ހުކުމުގައިވާ ގޮތުގައި، އެ މައްސަލާގައި ކޯޓުގައި މާލެ ސިޓީ ކައުންސިލުން ވަނީ ކަސްޓަމްސްއިން ކޮށްފައިވާ ދައުވާއަށް އިންކާރުކޮށްފައެވެ.
އެ ކައުންސިލުން ކޯޓުގައި ބުނީ، އެ އުޅަނދަކީ އޮޅުވާލައިގެން، ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހިމެނޭ ގޮތަށް ގެނެސްފައިވާ އުޅަނދެއް ކަމަށެވެ. އެހެންކަމުން، އެ ކައުންސިލުން އެ އުޅަނދުގެ ޑިއުޓީ ދައްކަން ނުޖެހޭނެ ކަމަށް ކޯޓުގައި ބުނެފައިވެއެވެ.
ނަމަވެސް، ސިވިލް ކޯޓުގެ ހުކުމުގައި ބުނީ، އެ އުޅަނދު ގެނެސްފައި ވަނީ އެ ކައުންސިލްގެ ނަމުގައި ކަމަށްވާއިރު، އެކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވުމަކީ އިމްޕޯޓު ޑިއުޓީ ދެއްކުމުން ބަރީއަވެވޭނެ ކަމެއް ނޫން ކަމަށެވެ.
އިތުރަށް ހުކުމުގައި ބުނީ، އެ ކޮޅުވެއްޓިއަށް ވޭސްޓް މެނޭޖްމަންޓް ސެކްޝަން ނުވަތަ މާލެ ސިޓީ ކައުންސިލްގެ ނަމުގައި ކަސްޓަމްސްގެ ދަށުން އަށެއް ފެބްރުއަރީ 2015ގައި ޑިކްލަރޭޝަން ފޯމު ތައްޔާރުކޮށްފައިވާ ކަން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ޝަރީއަތަށް ފާހަގަވެފައިވާ ކަމަށެވެ.
އެހެންވެ، މި މައްސަލާގައި އެ ކޯޓުން ހުކުމްކޮށްފައި ވަނީ މާލެ ސީޓީ ކަައުންސިލުން 1.1 މިލިއަން ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ޚަލާސްކުރާ ގޮތަށެވެ.