މާމިގިލިން އަބްދުއްރަހީމަށް ގާސިމް ދެންނެވީ ރަތްދޫލައިގެ މަރުހަބާއެއް

ގާސިމާ ބައްދަލުކުރައްވަން އަބްދުއްރަހީމް މާމިގިއްޔަށް ވަޑައިގަތުން -- ފޮޓޯ/ ޖޭޕީ

މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މާމިގިއްޔަށް ވަޑައިގެންފިއެވެ.

އަބްދުއްރަހީމަށް އެއާޕޯޓުން ރަތްދޫލައިގެ މަރުހަބާ ދެންނެވީ، ގާސިމާއި މާމިގިލީ އެއާޕޯޓުގެ ވެރިންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންނެވެ.

މި ބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ދެ ފަރާތުން ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

އަބްދުއްރަހީމާކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އެޑްވައިޒަރު ވެސްމެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގާސިމް ވާދަކުރެއްވި ނަމަވެސް، އޭނާއަށް ލިބިވަޑައިގަތީ ވަރަށް މަދު ވޯޓެކެވެ. އެއާއެކު ގާސިމް ނިންމެވީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށެވެ. ނަމަވެސް، މި ފަހުން ވަނީ ސަރުކާރު ދިފާއު ކުރައްވައި، ސަރުކާރުގެ ސިޔާސަތުތަކަށް ތައުރީފު ކުރައްވައި ވާހަކަދައްކަވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ސަރުކާރު ނިމުމާ ހަމައަށް ވެސް ގާސިމް ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ފަހަތްޕުޅުގައެވެ. ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވަނީ ކުރީ ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

ގާސިމް ވެސް ވަނީ މީގެކުރިން މަޖިލީހުގެ ރައީސްކަން ކުރައްވާފައެވެ.

comment ކޮމެންޓް