މަގުބައްތިތަކުގެ މައްސަލަ ހައްލުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ނިންމައިފިއެވެ.
މި ގޮތަށް ނިންމެވީ މިއަދު ހެނދުނު ފިނޭންސް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި މި ކަމާ ގުޅުން ހުރި ސަރުކާރުގެ އެންމެހައި މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެން ކުރެއްވި މަޝްވަރާތަކަކަށް ފަހުގައެވެ.
މި ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފު އުމަރާއި ފިނޭންސް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަފީގާއި އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤް އިބްރާހީމާއި ފެނަކައިގެ އެމްޑީ މުޢާޒް މުޙައްމަދު ރަޝީދުގެ އިތުރުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޔަޒީދު އަޙްމަދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ކަނޑައަޅައިފައިވާ ސަލާމަތީ މިންގަނޑަށް ނުފެތޭ ގޮތަށް ކަރަންޓް ދޫކޮށްފައިވާ މަގުބައްތިތަކަށް ދާއިމީ ޙައްލެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި މި ބައްދަލުވުމުގައި މަގުބައްތިތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަގުތީ ޙައްލެއް މިއަހަރުތެރޭ ހޯދާ ގޮތަށް ވެސް ވަނީ ނިންމާފައެވެ.
މަގުބައްތިތައް ސަލާމަތީ މިންގަނޑަށް ފެއްތުމަކީ، މުހިންމު ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ނިންމެވީ ރައްޔަތުންގެ ސަލާމަތާ ރައްކާތެރި ކަމަށް ޓަކައެވެ.
ރަށްރަށުގެ މަގުބައްތިތައް ރަނގަޅުކުރުމުގެ މަސައްކަތް ފެނަކައިން ފަށާފައި ވަނީ ދާދި ފަހުން ރ. އުނގޫފާރުގައި ކަރަންޓު ޖެހިގެން ޒުވާނަކު ނިޔާވުމާ ގުޅިގެންނެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މީގެ ކުރިން ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވީ ހޮޅި ދަނޑީގައި ހަރުކުރަން ޖެހޭ އާތު ލީކޭޖް ސާކިޓް ބްރޭކަރު ހަރުނުކުރެވި ހުރުމުގެ ސަބަބުން ކަމަށެވެ.