މާލޭގެ ބަނދަރުގައި އަޅާފައިއޮންނަ ބޮޑެތި ބޯޓުފަހަރާ ގުޅޭ ޝަކުވާތައް ގިނަވެ، ބޯޓުތަކުން ފީ ނެގުމަށް މިއަދު މާލެ ސިޓީ ކައުންސިލްގެ އާންމު ޖަލްސާގައި މަޝްވަރާކޮށްފިއެވެ.
ސިޓީ ކައުންސިލްގެ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ މި މައްސަލައާ ގުޅިގެން 60 ބޯޓުގެ ވެރިން ކަންބޮނޑުވުން ފާޅުކޮށްފައި ވާކަމަށެވެ.
"ނޯތު ހާބަރުގައި ބައެއް ބޭފުޅުން ވަރަށް ބޮޑެތި ޚަރަދުކޮށްގެން މުދާ ބަރުކޮށް ހަދާ، ނަމަވެސް ބައެއް ބޭފުޅުން މުޅި ބޯޓު އެއްކޮށް ހުރަހަށް ބާއްވައިގެން، އެތައް ދުވަހެއް ވަންދެން، ދެ ހަފްތާ ނުވަތަ ތިން ހަފްތާވަންދެއް އެބަ ތިބޭ." މޭޔަރު ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ބަނދަރުކުރާ ބޯޓުފަހަރުތަކުން ފީ ނެގުމުގެ ގަވާއިދެއް ކައުންސިލުން މީގެ ކުރިން ފާސްކޮށްފައި ވެސް އޮތްކަމަށާއި ނަމަވެސް އެއަށް އަދި އަމަލުކުރަން ނުފަށާކަމަށެވެ.
މިކަމާ ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު މުހައްމަދު ސައިފް ފާތިހް ވިދާޅުވީ މާލޭގެ ހުރިހާ ބަނދަރެއް ވެސް ބަލަންވާނީ މާސްޓާޕްލޭނެއްގެ ދަށުން އެންމެ ޒަމާނީ ފެންވަރަށްކަމަށެވެ.
ސައިފް ވިދާޅުވީ މިހާރު ބަނދަރުތައް ބަލަހައްޓާ ގޮތަށް އެތަން މެނޭޖުނުކުރެވޭނެ ކަމަށާއި ބޯޓުފަހަރު ބަނދަރުގައި އަޅާ މުއްދަތާއި ތާރީޚު ކައުންސިލަށް އެނގެންޖެހޭ ކަމަށެވެ.
"މުއްދަތު ތެރޭގައި ނުނަގައިފިއްޔާ، އަޅަން ޖެހޭ ފިޔަވަޅުތަކެއް ވެސް އެބަ ހުންނަންޖެހޭ. ހާބާ މެނޭޖްމެންޓް ޕޮލިސީސް ތަކެއް އަޅުގަނޑުމެން ކަނޑައަޅަން އެބަޖެހޭ." ސައިފް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެސްއޯޕީތަކެއް ހުންނަންޖެހޭ ކަމަށާއި ބޯޓުފަހަރުތަކުން ފީ ނަގަން ޖެހޭ ކަމަށެވެ.
ސައިފް ވިދާޅުވީ މުޅި ބަނދަރު އެެއްކޮށް ރަނގަޅުކުރުމާމެދު ވިސްނަންޖެހޭކަމަށާއި ހާބާ މާސްޓާ ޕްލޭނެއް އެކުލަވާލައި، ތަރުތީބު ގޮތަކަށް، އެސްއޯޕީއެއްގެ ދަށުން، ފީއެއްވެސް ނަގައިގެން އެތަން މެނޭޖްކުރަން ފެންނަ ކަމަށެވެ.
ބަނަދަރުތަކުގައި ބޯޓުފަހަރު އެޅުމުގެ މައްސަލަ ޓްރެފިކް އެންޑް ބަންކް ކޮމިޓީގައި މަޝްވަރާކުރުމަށްފަހު ދެން އަންނަ ކައުންސިލް ބައްދަލުވުމެއްގައި އެ މައްސަލަ ބަލަން މިއަދު ވަނީ ނިންމާފައެވެ.