އެމްޕީއެލްއިން މަސްލަހަތު އޮތް ވިޔަފާރިއަކަށް ވަނުމުން އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ބޮޑު: ވިޔަފާރިވެރިން

މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް ތައާރަފްކުރުން: މައުމޫން ވިދާޅުވީ އެމްޕީއެލުން ވަނުމުން ފުރުސަތު ހަނިވާނެ ކަމަށް --- ފޮޓޯ: އެމްޕީއެލް

ބަނދަރުތަކާ ބެހޭ ސަރުކާރު ކުންފުނި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ލޮޖިސްޓިކްސް ދާއިރާގެ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ސަބަބުން އެ ވިޔަފާރިކުރާ އަމިއްލަ އެހެން ކުންފުނިތަކަށް ފުރުސަތު ހަނިވާނެ ކަމަށް ބުނެ، ދާއިރާގެ ބައެއް ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ނަމުގައި އެމްޕީއެލުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކުންފުންޏެއް ތައާރަފްކޮށްފައެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ ޚިދުމަތުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގާއިމުކޮށްފައިވާ ގުދަންތަކަށް އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ދަތިކަމެއް ނެތި ފޯރުކޮށްދިނުމާއި، މުދާ އުފުލުމާއި، ގުދަންކުރުމާއި، އަދި މުދާ ފޯރުކޮށްދިނުމުގެ ހުރިހާ މަރުހަލާއެއް އެއް ވިއުގައަކުން ގުޅާލައި، ލޮޖިސްޓިކްސްގެ ޚަރަދުތައް ކުޑަކޮށް ވިޔަފާރިވެރިންނަށާއި އާންމުންނަށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމެވެ.

މިކަމާ ގުޅިގެން 'ސަން'އާ ވާހަކަ ދައްކަވަމުން ރާއްޖޭގައި އެންމެ ފުޅާކޮށް ލޮޖިސްޓިކްސްގެ ޚިދުމަތްދެމުން އަންނަ އެއް ކުންފުނި ކަމަށްވާ ސެންޗޫރިއަން ކުންފުނީގެ ޗެއާމަން އަޙްމަދު މައުމޫން (ކެޕްޓަން މައުމޫން) މިއަދު ވިދާޅުވީ، ލޮޖިސްޓިކްސްގެ ދާއިރާގެ ވިޔަފާރިތައް އެމްޕީއެލްގެ ވިޔަފާރި ބަނދަރަށް ބަރޯސާވާ ކަމަށާއި، ކޮންމެ ދުވަހަކު ކަސްޓަމަރުންގެ މުދާ ނުނެރެވި ލަސްވާތީ ޖޫރިމަނާ ދައްކަން ޖެހޭ ކަމަށެވެ.

ނަމަވެސް އެމްޕީއެލްގެ ލޮޖިސްޓިކްސް ކުންފުނިން އެ ކުންފުނީގެ ކަސްޓަމަރުން ޖޫރިމަނާ ނުކުރެވޭނެ ކަމަށާއި، ނަތީޖާއަކީ ވަކި އަތަކަށް ބުރަވާން ފުރުސަތު ފަހިވެ، އޭގެ ސަބަބުން ލޮޖިސްޓިކްސް ވިޔަފާރިކުރާ މީހުންގެ އިތުބާރު ގެއްލުން ކަމަށް މައުމޫން ވިދާޅުވިއެވެ.

"އެމްޕީއެލުން އެކަން ކުރުމަކީ މިހާރު ސާވްކުރަމުންދާ ކަސްޓަމަރުންނާ ކޮމްޕީޓްކުރުން، އެހެން އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނެ ދެއްތޯ އެހެން ވެއްޖިއްޔާ، މިއީ އިންޑަސްޓްރީގެ ކޮންސާނަކީ،" އޭނާ ވިދާޅުވިއެވެ.

"އެކަމަކު އެ މީހުން ބީ ޓު ސީ (ވިޔަފާރިން ޚިދުމަތް ހޯދާ މީހާއަށް)، ޑައިރެކްޓް ކަސްޓަމާއަށް އެޕްރޯޗްކުރީމަ މި ވާ ގޮތަކީ އެހެން އެންމެނަށް ބޮޑު ގޮންޖެހުމެއް މި ލިބެނީ،"

މައުމޫން ވިދާޅުވީ، ބަދަލުގައި ރަނގަޅުގޮތަކީ ވިޔަފާރި ބަނދަރުގެ އިކުއިޕްމެންޓްތައް ކުއްޔަށްދިނުމާއި، ބޮޑެތި ލޮޖިސްޓިކް ޕާކު ފަދަ ތަންތަން ތަރައްގީކޮށް، ލޮޖިސްޓިކްސްގެ ވިޔަފާރިކުރާ ފަރާތްތައް މަސައްކަތްކުރާނެ ތަންތަން ހަދައި ކުއްޔަށް ދިނުން ކަމަށެވެ.

ވިޔަފާރި ބަނދަރުގައި ރަނގަޅުކުރަންޖެހޭ ބައިވަރު ކަންކަން ހުރި ކަމަށް ވިދާޅުވެ، މިހާރު ދިމާވާ ދަތިތައް ހައްލުކުރުމަށް އެމްޕީއެލުން މަސައްކަތްކުރަން މާ ރަނގަޅުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނެކްސްޓް ކާގޯ ކުންފުނީގެ ސީއީއޯ އަޙްމަދު ދާމިން ވިދާޅުވީ، އެމްޕީއެލަކީ ބަނދަރުގެ ކަންކަން ބެލެހެއްޓުމަށް އުފެއްދި ކުންފުންޏެއް ކަމަށާއި، ބަނދަރުގެ ކަންކަން ބަލަހައްޓާ ކުންފުންޏަކުން ލޮޖިސްޓިކްސްގެ ވިޔަފާރީގެ ތެރެއަށް ވަނުމަކީ މަސްލަހަތު ފުށޫއަރާ ކަމެއް ކަމަށެވެ.

"ފްރެއިޓް ފޯވާޑިން އިންޑަސްޓްރީގަ މައްސަލަތަކެއް ނޫނީ އުނދަގޫތަކެއް އުޅޭކަމަށް ވަންޏާމު އަޅުގަނޑުމެން ކަސްޓަމްސްއާއި އެމްޕީއެލްއާ، މި ހުރިހާ ސްޓޭކްހޯލްޑާސް މީޓްކޮށްގެން މި އިޝޫތައް ރިޒޯލްވްކުރެވޭނެ، ކަސްޓަމްސްއަކީ އަޅުގަނޑުމެންގެ މައްޗަށް އެންފޯސްމަންޓް ބޮޑީއެއް، އެމްޕީއެލްއަކީ ސާވިސް ދޭން ތިބި، އަޅުގަނޑުމެން އެ މީހުންގެ ސާވިސް ނަގަންޖެހޭ ފަރާތެއް،" ދާމިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ޝިޕްމަންޓްތައް ހުސްކުރުން ލަސްވުމަކީ ސަރުކާރުން ލޮޖިސްޓިކްސް ވިޔަފާރީގެ ތެރެއަށް ވަންނަންޖެހޭ ސަބަބެއް ނޫނެވެ.

ފާހަގަކުރެވޭ ގޮތުގައި ސަރުކާރުން ލޮޖިސްޓިކްސް އުފައްދައި އެ ދާއިރާގެ ވިޔަފާރީގެ ތެރެއަށް ވަނުމަކީ އަމިއްލަ ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ލިބި، ރައްޔިތުން އިތުރަށް ނިކަމެތިވާނެ ކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ލިޔުއްވާފައިވެއެވެ.

https://sun.mv/217670

އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވަނީ، ސަރުކާރުން ލޮޖިސްޓިކްސް ކުންފުންޏެއް އުފައްދަން ނިންމުމަކީ މިނިވަން ވިޔަފާރީގެ އުސޫލުތަކާ މުޅިން ޚިލާފު، އަދި ދުނިޔޭގެ އެއްވެސް ގައުމެއްގައި ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.

ޝާހިދު ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ އަސްލު ދައުރަކީ ވިޔަފާރިތަކާ ވާދަކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި ސަރުކާރުން ކުރަންޖެހޭ ކަމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހިތްވަރުދީ، އެފަދަ ވިޔަފާރިތައް ކުރިއެރުވޭނެ މަގު ފަހިކޮށްދިނުމެވެ. ސަރުކާރަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ސީދާ ވާދަވެރިވުމަކީ ބާޒާރުގެ ވާދަވެރިކަމުގެ ހަމަ ނައްތާލައި، އިގްތިޞާދީ ހަމަތައް ފުނޑުފުނޑުކޮށްލާނެ ކަމެއް ކަމަށް ވެސް އޭނާ ލިޔުއްވިއެވެ.

މި ނިންމުމުގެ ސަބަބުން ލޮޖިސްޓިކްސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ޝާހިދު ލިޔުއްވިއެވެ. އަދި މި މަސައްކަތުން އާމްދަނީ ހޯދައިގެން ދިރިއުޅޭ އެތައް އާއިލާއަކަށް މާލީ ގޮތުން ތަކުލީފުތަކާ ކުރިމަތިލާންޖެހި، ދިވެހި އާއިލާތަކުގެ އާމްދަނީ ހުއްޓި، ރައްޔިތުންގެ ދިރިއުޅުން އިތުރަށް ނިކަމެތިވެގެންދާނެ ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.

comment ކޮމެންޓް