ބަލިނުވެ ސީޒަން ނިންމާލި ލެވަކޫސަން ބަލިކުރަން އާސެނަލަށް ކަމަކަށް ނުވި

އާސެނަލްގެ ފަހު ލަނޑު ޖަހައިދިން ކައި ހަވާޓްޒް -- ފޮޓޯ/ މައިކެލް

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލުން ޖަރުމަނު ބުންޑެސްލީގާގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސެން ބައްދަލުކުރި ރަހުމަތްތެރިކަމުގެ މެޗު ކާމިޔާބުކޮށްފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަކަމާ އެކު 4-1 އިންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ލެވަކޫސެންއިން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލުންނެވެ. މިމެޗު އާސެނަލްއިން ފަށާފައިވަނީ ވަރަށް ފޯރިއާ އެކުއެވެ.

މެޗުގެ އަށްވަަނަ މިނެޓުގައި އާސެނަލްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އޮލެކްސަންޑާ ޒިންޗެންކޯއެވެ. އަދި، މި ލަނޑު ޖެހިތާ އެއް މިނެޓް ފަހުން ލިއާންޑްރޯ ޓްރޮސާޑްވަނީ އާސެނަލްގެ ލީޑު ފުޅާ ވެސް ކޮށްދީފައެވެ.

މެޗުގައި އާސެނަލްގެ ތިންވަނަ ލަނޑު ލެވަކޫސެންގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޖަހައިދިނީ ފޯވަޑް ގެބްރިއެލް ޖޭސުސެވެ. މެޗުގައި އާސެނަލްގެ ހަތަރުވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓްގައި ޖަހައިދިނީ ކައި ހަވާޓްޒެވެ.

މި މެޗުގައި ލެވަކޫސެންގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އެޑަމް ހޯޒެންއެވެ. މި ލަނޑު އެ ޓީމުން ކާމިޔާބުކުރި ނަމަވެސް ނިމިނު ސީޒަންގައި ލެވަކޫސެންގެ ފަރާތުން ފެނުނު މޮޅު ކުޅުމާ ގާތްކުރާވަރުގެ ކުޅުމެއް ވެސް ނުފެނެއެވެ.

މިދިޔަ ސީޒަންގައި ލެވަކޫސެންއިން ޖަރުމަނު ބުންޑެސްލީގާގެ ތަށި އުފުލާލީ އެއްވެސް މެޗަކުން ބަލިނުވެއެވެ. އާސެނަލްއިން ދެން ކުޅޭ މެޗުގައި އަންނަ އާދިއްތަ ދުވަހު ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ފްރެންޗް ލީގު އާންގެ އޮލިމްޕިކް ލިއޯންއާއެވެ.

comment ކޮމެންޓް