ފައިސާގެ މުއާމަލާތެއްގައި 34،500 ރުފިޔާ ނުދީ މަކަރުހެދުމުން 57،600 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ ޢަލީ ފައިސަލް ނަމަކަށް ކިޔާ ކިޔާ މީހަކާއި ފޭވަރިޓް ބިޒް އާއި އިކްއިކްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ކުރެވުނު ވިޔަފާރީގެ މުޢާމަލާތެއްގައި ފޭވަރިޓް ބިޒްއިން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ޓަކައި ފައިސަލްގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލްގެ އެކައުންޓުން ދައްކަންޖެހޭ 34،500 ރުފިޔާ ނުދިނުމުގެ މައްސަލައެކެވެ.
މި މައްސަލަ ހުށަހަޅަމުން ދައުލަތުގެ ވަކީލު ބުނެފައިވަނީ އަލީ ފައިސަލް ސޮއިކޮށް ދޫކޮށްފައިވާ ޗެކަށް ފައިސާ ނެގުމަށް ޓަކައި ބޭންކަށް ޗެކު ހުށަހެޅިއިރު އޭނާގެ އެކައުންޓުގައި ފައިސާ ނެތް ކަމަށެވެ. އަދި ލިޔުމުން އެކަން އަންގައި، ހަތް ދުވަސް ތެރޭގައި ފައިސާ ދައްކާފައި ނުވާތީ، މި މައްސަލައިގައި ފައިސަލްގެ މައްޗަށް ކޮށްފައިވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާއަށް ޖަވާބުދާރީވުމަށް ޝަރީއަތުން ދިން ފުރުސަތުގައި އަލީ ފައިސަލްވަނީ ދައުވާއަށް އިންކާރުކޮށް، އިކުއިކްސް ޕްރައިވެޓް ލިމިޓެޑަކީ ޗެކު ދީގެން މުދާ ނަގަމުން އައި ތަނެއް ނޫން ކަމަށް ބުނެފައެވެ. މި މައްސަލައިގައި ދިފާއުން ހެކި ހުށަހެޅުމަށް ފައިސަލަށް ދިން ފުރުސަތުގައި އޭނާގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.
އޭނާގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ މުދާ ނެގުމަށް ފަހު، ރުިދޔާ ނުދެވި ގިނަ ދުވަސްވެފައިވަނީ މާލީ ހާލަތު ހުރި ގޮތުން ކަމަށާއި، އެއީ މަކަރާ ހީލަތް ހެދުމުގެ ގޮތުން ކޮށްފައިވާ މުއާމަލާތެއް ނޫން ކަމަށެވެ.
އެހެން ކަމުން މި މައްސަލައިގައި ކަން ހިންގައިދިޔަ ގޮތަށް ބަލާއިރު، މި ދައުވާއަކީ އަލީ ފައިސަލްގެ މައްޗަށް ސާބިތުނުވާ ދައުވާއެއް ކަމަށް ކަނޑައަޅައިދިނުމަށް ދިފާއުން ވަނީ އެދިފައެވެ.
ފައިސަލް ކޯޓުގައި ބުނެފައިވަނީ އިކުއިކްސް ޕްރައިވެޓް ލިމިޓެޑަށް ދިން ޗެކަކީ ފައިސާ ދިނުމުގެ ގޮތުން ދޫކޮށްފައިވާ ޗެކެއް ނޫން ކަމަށާއި، އެއީ ފައިސާ ދިނުމުގެ ޔަގީންކަމެއްގެ ގޮތުން ދިން ޗެކުތަކެއް ކަމަށެެވެ.
އޭނާ ބުނެފައިވާ ގޮތުގައި އިކްއިކްސް ޕްރައިވެޓް ލިމިޓެޑުން ނަގާ މުދަލަށް އަބަދު ވެސް ފައިސާ ދައްކަނީ ނަގުދު ފައިސާއިންނެވެ.
މި މައްސަލައިގައި ކޯޓުންވަނީ ފައިސަލްގެ މައްޗަށް ކުރި ނުވަ މަހާއި 18 މަސްދުވަހުގެ ޖަލު އަބަދު، 57،600 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އަދަބަކަށް ބަދަލުކޮށް ހުކުމްކޮށްފައެވެ.
އަދި މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކުރިޔަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް އެ ފައިސާ ދެއްކުމަށް ހުކުމްގައިވެއެވެ.