ދުވަސްވީ މީހަކު ކުއްޔަށް ހުރި ކޮޓަރިއަކަށް ވަދެ ބިރުދައްކައި ފޭރިގަނެފި

ކުއްޔަށް ހުރި ކޮޓަރިއަކަށް ވަދެ ބިރުދައްކައި ފޭރުނު ދުވަސްވީ މީހާގެ އަތް ނޫފައިގަނެފައި: ފުލުހުން ބުނީ އެ މައްސަލަ ބަލަމުންދާކަމަށް -- ފޮޓޯ: އެކްސް/ ސަމާހު އަހުމަދު

ބޭސްފަރުވާއަށް މާލެ އައިސް ހުރި ދުވަސްވީ މީހަކު ކުއްޔަށް ހުރި ކޮޓަރިއަކަށް ދެ މީހަކު ވަދެ ބިރުދައްކައިގެން ފޭރިގަނެފިއެވެ.

ސޯޝަލް މީޑިއާގައި އިއްޔެ މީހަކު ކުރި ޕޯސްޓަކާއި ގުޅިގެން "ސަން" އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އުމުރުން 62 އަހަރުގެ މީހަކު ކުއްޔަށް ހުރި ކޮޓަރިއަކަށް ވަދެ ބިރުދައްކައިގެން ފޭރުނު މައްސަލައެއް އިއްޔެ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި އެއީ މާލެއަށް ބޭސް ފަރުވާއަށް އައިސް ހުރި މީހެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދުވަސްވީ މީހާ ހުރި ކޮޓަރިއަށް ވަދެ ފޭރިގަނެފައި ވަނީ އެމީހާގެ ފޯނާއި ފައިސާ ކަމަށެވެ. ނަމަވެސް ފޭރުނު ފައިސާގެ އަދަދެއް ހާމައެއް ނުކުރެއެވެ.

މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

އިއްޔެ، ސަމާހު އަހުމަދު ކިޔާ މީހެއްގެ އެކްސް އެކައުންޓުން ވަނީ އޭނާގެ ބައްޕަ އުޅެމުން އައި ކޮޓަރިއަށް އިއްޔެ މެންދުރު 14:00 ގައި މީހަކު ވަދެ ރަހީނުކޮށް، ފައިސާއާއި ފޯނު ފޭރުނު ކަމަށް ބުނެ ޕޯސްޓެއް ކޮށްފައެވެ.

އަދި ބައްޕަގެ އަތުން އެތަކެތި ފޭރިގަތީ ވަޅިން ބިރުދައްކައިގެން ކަމަށް އޭނާ އެ ޕޯސްޓުގައި ލިޔެފައިވެއެވެ. ޕޯސްޓާއެކު ހިއްސާކުރި ފޮޓޮއިން ފެންނަ ގޮތުގައި އުމުރުން ދުވަސްވީ މީހާގެ އަތް ވަނީ ވަރަށް ބޮޑަށް ނޫފައިގަނެފައެވެ.

ރާއްޖޭގައި މިގޮތަށް ބިރުދައްކައިގެން ފައިސާއާއި އެ ނޫން ވެސް ތަކެތި ފޭރޭ މައްސަލަ ވަރަށް ބޮޑެވެ. މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ އަދަދު ވެސް އިތުރެވެ.

comment ކޮމެންޓް