ގާނޫނު އަސާސިއަށް ބަދަލުތައް ގެންނަ ގޮތް، މީގެ ކުރިން އޮތްގޮތަށް، ރައްޔިތުންގެ ޚާއްސަ މަޖިލީހަކުން ގެނެވޭ ގޮތަށް ބަދަލުކުރަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދަކީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީއަށް އަމަލުކުރަމުންދާތާ 16 އަހަރު ފުރުނު ދުވަހެވެ. އެކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ މީގެ ކުރިން ގާނޫނުއަސާސީއަށް ބަދަލުގެންނަ ގޮތަށް ވުރެ މިހާރު ބަދަލުތައް ގެންނަން ފަސޭހަ ކަމަށެވެ.
އެހެންކަމުން ގާނޫނުއަސާސީ އިސްލާހުކުރުމަށްޓަކައި މި ރައްޔިތުންގެ މަޖިލީހަށް މިހާރު ލިބިފައިވާ ހުރިހާ ބާރުތަކެއް އެގޮތަށް އޮތުމުގެ ބަދަލުގައި ކޮންމެ ވެސް ކަހަލަ މެކޭނިޒަމެއްގެ ތެރެއިން އެ ގޮތް ބަދަލުކުރަންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
މިއަދު މި ގާނޫނުއަސާސީ އިސްލާހުވުމުގައި މިހާތަނަށް އައިއިރު ދެ ފަހަރަކަށް ވަރަށް ފަސޭހައިން ލުއިލުއިކޮށް ހިނގައްޖެ. އެކަމު އެ ދުވަސްވަރު ގާނޫނުއަސާސީ އިސްލާހުވުމުގައި އޮންނަނީ އެހާ ފަސޭހައިން ގާނޫނުއަސާސީއަށް ބަދަލުގެނެވޭ ގޮތަކަށް ނޫން. ގާނޫނަކަށް ބަދަލުގެނެވޭ ގޮތަށް ގާނޫނާ ނުކުޅެވޭ ގޮތަށް އޭރު އޮންނަނީ. ރައްޔިތުންގެ ޚާއްސަ މަޖިލިސް އެއްކޮށްގެން އެކަން ކުރެވެނީ.މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް
އެހެންކަމުން މީގެ ކުރިން ރައްޔިތުންގެ ޚާއްސަ މަޖިލީހަކުން ގާނޫނު އަސާސީއަށް ބަދަލު ގެނެވޭ ގޮތަށް އޮތް އޮތުން މިއަދު ވެސް އޮތުން މުހިންމުކަމަށް ގަބޫލުކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
އެހެންނޫންނަ މަޖިލީހުގެ 75 ޕަސެންޓު މެޖޯރިޓީ ލިބޭ ޕާޓީއަކަށް ގާނޫނުއަސާސީ ބަދަލު ކުރެވޭނަމަ އޭގެ ނުރަނގަޅު ކަންތައްތަކެއް ވެސް އަތުވެދާނެކަން ވިސްނަންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމްއަކީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އުފެދިގެން އައި މަޖިލީހުގައި ވެސް އިންނެވި ބޭފުޅެކެވެ.
ގާނޫނުއަސާސީ އުފެދިގެން އައީ 2008 ވަނަ އަހަރުއެވެ.
ގާސިމް މިފަދައިން ވިދާޅުވި އިރު ނިމިދިޔަ 19 ވަނަ މަޖިލީހާއި މި ހިނގާ 20ވަނަ މަޖިލީހުގައި ވެސް ސުޕަ މެޖޯރިޓީ އޮތީ އެއް ޕާޓީއަކަށެވެ.
މިހާރު ގާނޫނު އަސާސީގައި އޮންނަ ގޮތުންނަމަ ގާނޫނު އަސާސީއަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.