އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1600 ކިލޯވޮޓުގެ ޖެންސެޓެއް

އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1600 ކިލޯވޮޓުގެ ޖެންސެޓެއް ފޮނުވަނީ--- ފޮޓޯ/ ފެނަކަ

އައްޑޫ ސިޓީއަށް މި ވަގުތު ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1600 ކިލޯވޯޓްގެ ޖެންސެޓެއް އެ ސިޓީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން މިހާރު ކުރަމުން އަންނަކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އައްޑޫ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ދެމުންއަންނަ ފެނަކައިން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އައްޑޫ ސިޓީއަށް މިވަގުތު ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނައުމަށް 1600 ކިލޯވޯޓްގެ ޖެންސެޓެއް އެ ސިޓީއަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އައްޑޫ ސިޓީގެ ހިތަދުއަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަނީ ވަރަށް ގިނަ ދަތިތަކާއެކު ކަމަށާއި އެ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެ ކުންފުނީގެ މެނޭޖުމަންޓުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓާ މުއާޒް މުހައްމަދު ރަޝީދު މީގެ ކުރިން ވަނީ ވިދާޅުވިއެވެ.

ކުރީގެ ޖަނަރޭޓަރުތައް މެއިންޓެއިންނުކޮށް ހުރުމުން އެތަކެތި ހުރީ ހަލާކުވެފައި ކަމަށާއި އެ ސިޓީއަށް ކަރަންޓު ފޯރުކޮށްދެނީ 18 ވަރަކަށް ޖަނަރޭޓަރު ބަހައްޓައިގެން ކަމަށް ފެނަކައިން ބުނެއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އަސާސީ ދިރިއުޅުމަށް ދަތިވާ ވަރަށް ކަރަންޓު ކެނޑެމުންދާތީ، އިދިކޮޅު އެމްޑީޕީން ވަނީ މީގެ ހަފްތާއެއް ކުރީން މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައެވެ.

comment ކޮމެންޓް