ޗައިނާގެ ބޭންކެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
"މޯލްޑިވްސް ސެޗުއާން ޓްރޭޑް އެންޑް އިންވެސްޓުމަންޓު ކޯޕަރޭޝަން ކޮންފަރެންސް" ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ރާއްޖޭގައި ޗައިނާގެ ބޭންކެއް ހުޅުވުމުގެ އިތުރުން، އެ ގައުމުގެ ފްރީ ޓްރޭޑް އެއްބަސްވުމަށް ވެސް އަންނަ މަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ.
އެކަމާ ގުޅޭ ގާނޫނުތައް މިހާރު ހަދާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތައް ދެނެގަންނަން ޖެހޭ ކަމަށެވެ. އަދި އެ މައުލޫމާތު ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމަށް ވޯކްޝޮޕްތައް ވެސް ބާއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފްރީ ޓްރޭޑް އެގްރީމަންޓުގެ ތެރެއިން، ދިވެހި ރުފިޔާއާއި ޗައިނާގެ ޔުއާން ހިމެނޭ "ކަރަންސީ ސެޓްލްމަންޓް"އެއް ހެދުމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އޭރުން ރާއްޖޭގައި ޑޮލަރަށް އޮންނަ ޑިމާންޑް ރުފިޔާއަށާއި ޔުއާނަށް ބަދަލު ކުރެވޭނެ ކަމަށެވެ.
"ދެ ގައުމުގެ ވިޔަފާރިވެރިންނަށް ދެ ގައުމުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މިހާރު އެންމެ އިސްކަންދޭ އެއް މަސައްކަތް. އެ މަސައްކަތް ވެސް ޕީޕަލްސް ބޭންކް އޮފް ޗައިނާ އާއި އެމްއެމްއޭއާއެކު މިދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ޗައިނާގެ ފްރީ ޓްރޭޑް އެގްރީމަންޓުން ވިޔަފާރިވެރިން އެއްވެސް ގައުމެއްގައި ފައިދާ ނުނަގާވަރަށް ރާއްޖެއަށް ފައިދާ ނެގޭނެ ކަމަށެވެ.
ސެޗުއާން ޕްރޮވިންސުން އެކަނި ވެސް ރާއްޖެއަށް އަހަރަކު 19 މިލިއަން ޑޮލަރުގެ މުދާ އެތެރެކުރެއެވެ. އެހެންކަމުން މިއީ ދިވެހިންނަށް ހުޅުވޭ ފަހި ފުރުސަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.