ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރެވޭ ގޮތަށް, ދުންފަތުގެ ބާވަތްތަކުން ޓެކްސް އިތުރުކުރަންޖެހޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްތް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރި ލިޔުމެއްގައި ވަނީ، 2021ވަނަ އަހަރާއި 2022ވަނަ އަހަރު ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ދެނެގަތުމަށް ހެދި "ސްޓެޕްސާވޭ"އިން، ފުރާވަރު އުމުރުގެ ކުދިންނާއި ކުޑަކުދިންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ އުމުރަކީ އެންމެ އަށް އަހަރުކަން ދެނެގަނެވިފައި ވާކަމަށެވެ.
އަދި 2019ވަނަ އަހަރު ސްކޫލް ކުދިންގެ މެދުގައި ހެދި ގްލޯބަލް ޔޫތް ޓޮބޭކޯ ސާވޭ ދައްކާ ގޮތުން، ސިނގިރޭޓް ބޯ ކުދިންގެ އަދަދު 2011ވަނަ އަހަރާ އަޅާބަލާއިރު 2019ވަނަ އަހަރު 11.2 ޕަސަންޓުން 45.7 ޕަސަންޓަށް އިތުރު ވެފައި ވާކަން ވެސް ވަނީ ދެނެގަނެވިފައެވެ.
މިިނިސްޓްރީން ބުނީ، މި ނަތީޖާއިން ދޭހަވަނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އީސިނގިރޭޓާއި ޝީޝާ އާއި ވޭޕްގެ ބާވަތްތައް ބުއިމުގައި މި އުމުރުގެ ކުދިން ޝާމިލުވާ މިންވަރު ކަމަށެވެ. އަދި ފުރާވަރު ކުދިންނަށް އަމާޒު ކޮށްގެން ތައްޔާރު ކޮށްފައި ހުންނަ އިޝްތިހާރުތަކުގެ އަސަރުކުރުމާއި ބޭނުން ކުރާ އާލާތްތައް ފަސޭހައިން ލިބުމާއި އެތަކެތި ބޭނުންކުރަން ދާނެ މާހައުލުތައް ގިނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އަންހެންކުދިންނާއި ފިރިހެން ކުދިންގެ މެދުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އާދަ، ކުރިއެކޭ އެއްގޮތަށް އެއްވަރެއްގައި ހުރިކަން ވެސް މި ސާވޭގެ ނަތީޖާއަށް ބަލާ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ދުންފަތުގެ ބާވަތްތައް ބޭނުންކުރުމުން ރާއްޖޭގައި ގިނަ އަދަދެއްގެ މީހުން ބަލިތަކަށް ހުށަހެޅިފައި ވާކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން، ރާއްޖޭގެ ޒުވާން އާބާދީއާއި މެދު އުމުރު މީހުންގެ މެދުގައި، ދިގުމުއްދަތަށް ބޭސް ކުރަންޖެހޭ އަދި އެބަލިތަކުގެ ސަބަބުން ވަޒީފާ އަދާ ނުކުރެވޭ މިންވަރު އިތުރު ވަމުން ދާކަން ވަނީ ފާހަގަކޮށްފައެވެ.
ހަމައެކަނި، ސިނގިރޭޓަށް ބެލިނަމަވެސް، 1.8 ބިލިއަން ރުފިޔާ ހޭދަކޮށްގެން އަހަރަކު 400 މިލިއަން ސިނގިރޭޓް ރާއްޖެއަށް އެތެރެ ކުރާކަން ވަނީ ފާހަގަކޮށްފައެވެ. ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާ ކުރުމަށް، އެންމެން ހިއްސާވާ އާސަންދައިން ބޮޑު ހޭދައެއް ކުރާއިރު، ބަލިތައް ތަހައްމަލު ކުރާ އުމުރުފުރައިގެ މީހުންގެ ތެރޭގައި މަސައްކަތް ނުކުރެވޭ މީހުން ގިނަވުމުން، ގައުމުގެ އުފެއްދުންތެރިކަމާއި ތަރައްގީއާއި އިގްތިސާދަށް ނޭދެވޭ އަސަރު ކުރާކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 150 މީހުން، ގާތްގަނޑަކަށް ކޮންމެ ދެ ދުވަހުން އެކަކު، ސީދާ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުން މަރުވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އާ ހަވާލާދީ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
އެހެންކަމުން ދުންފަތުން މުޖުތަމައު ސަލާމަތްކުރުމަށް ކުރަންޖެހޭ މުހިއްމު ބައެއް ކަންކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އޭގެތެރޭގައި:
- ދުންފަތުގެ ބާވަތްތަކުން ނަގަންޖެހޭ ޓެކްސް އިތުރުކުރުމުގައި، ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރެވޭ ގޮތަށް އެޓެކްސް އިތުރުކުރަންޖެހޭ އުސޫލުތައް އެކުލަވާލައި، ޓެކްސްގެ ފައިސާއިން ބައެއް ދުންފަތް ކޮންޓްރޯލް ކުރުމަށާއި ހެލްތު ޕްރޮމޯޝަނަށް ހޭދަކުރުން.
- ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވާން ބޭނުންވާ ފަރާތްތަކަށް ދެވޭ ސެޒޭޝަންގެ ޚިދުމަތް އިންތިޒާމް ކުރުން.
- ދުންފަތުގެ ނުރައްކަލާ ބެހޭގޮތުން މީހުން ހޭލުންތެރިކަން އިތުރު ކުރުން.
- ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ވިޔަފާރިއާއި ދުންފަތުގެ ބާވަތްތަކުން މީހުން ދުރުކުރުމަށް ކުރަންޖެހޭ ކަންކަން ބަލާ މޮނިޓާކުރުން އަދި ކުރަންޖެހޭ ދިރާސާތައްކޮށް އެ މައުލޫމާތު ތަކުގެ އެހީގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ތަންފީޒު ކުރުން.
- ދުންފަތަށް އަލަށް ހުށަހެޅޭ ފަރާތްތައް މަދުކުރުމަށް، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކޮށް މާކެޓް ކުރުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ ގަވާއިދުތަކަށް އަމަލުކުރުން އިތުރަށް ހަރުދަނާކޮށް އާންމު މާހައުލުތަކުގައި ދުންފަތަށް މީހުން ހުށަހެޅޭ މިންވަރު މަދުކޮށް ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ހައްގު ކަށަވަރުކުރުން.