ކުރީގެ ސަރުކާރުން ރޭވީ ތިނަދޫގެ ބިލިއަނެއްހާ ރުފިޔާގެ ހޮސްޕިޓަލް ނާޅާ ބޭކާރުކުރަން: ޚަލީލު

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް: ކުރީގެ ސަރުކާރުން ރޭވީ ތިނަދޫގެ ބިލިއަނެއްހާ ރުފިޔާގެ ހޮސްޕިޓަލް ނާޅާ ބޭކާރުކުރަން ކަމަށް މިނިސްޓަރު ޚަލީލް ވިދާޅުވި --

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ރޭވީ ބިލިއަނެއްހާ ރުފިޔާ އިންވެސްޓްކޮށްފައިވާ، ގދ. ތިނަދޫގައި މިހާރު ހުރި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިމާރާތް ބޭކާރުކޮށްލުމަށްފަހު އާ ހޮސްޕިޓަލެއް އަޅަންކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ތިނަދޫ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތުގެ މަޝްރޫއު ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީސީ)އާ ހަވާލުކޮށްފައި ވަނީ މިދިޔަ ވެރިކަމުގެ ފަހުކޮޅުގައި އޮގަސްޓު 30ގައެވެ.

ޖަލްސާގައި ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އަޅަން އެއްބަސްވުމެއްގައި ސޮއިކުރިތޯ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވަނީ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވައި މިނިސްޓަރު ޚަލީލް ވިދާޅުވީ، އެއީ ރައްޔިތުންނަށް އޮޅޭ ގޮތަށް ކޮށްފައި އޮތް ކަމެއް ކަމަށެވެ. އަދި ސޮއިކުރި އެމްއޯޔޫއަކީ ރިޔާސީ އިންތިޚާބާ ދިމާކޮށް ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތުކުރައްވާފައެވެ.

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބުދާރީވެވަޑައިގަންނަވަނީ -- ފޮޓޯ/ މަޖިލިސް

ޚަލީލް ފާހަގަކުރެއްވީ ތިނަދޫގައި މިހާރު ހުރި ހޮސްޕިޓަލަކީ ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ އިންވެސްޓްކުރެވިފައިހުރި ތަނެއްކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން ރޭވީ އެތަން ބޭކާރުތަނަކަށް ހެދުމަށްފަހު މުޅިން އާ ތަނެއް ހެދުމަށްކަމަށް ވިދާޅުވެ ޚަލީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އޭގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މިހާރު ހުރި ފެސިލިޓީއަކީ ބިލިއަނެއްހާ ރުފިޔާ އިންވެސްޓްކުރެވިފައި ހުރި ތަނެއް. ކުރީގެ ސަރުކާރުން ރާވާފައި އޮތީ ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ތަން މުޅިން ދޫކޮށްލުމަށް ފަހު އާ ތަނަކަށް ދާން، ...އެހެންވީމަ މީގައި އަޅުގަނޑުމެން ސުވާލު އުފައްދަންވީ ބިލިއަނެއްހާ ފައިސާ ބޭކާރުކޮށްލާއިރު މިއީ ރައްޔިތުންގެ ފައިސާ، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

ޚަލީލް ވިދާޅުވީ އެތަނުގައި ވަރަށް ފަހުން އިމާރަތްކޮށް ނިންމާފައި ހުރި ބައެއް އިމާރާތްތަކާއި ބައެއް ޚިދުމަތްތައް އެބަ ހުރި ކަމަށެވެ.

އޭރު ތިނަދޫގައި އެޅުމަށް ޗައިނާގެ ސީއެންއީސީސީއާ ހަވާލުކުރީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްތަކެވެ. ކުވެއިތު ފަންޑުން ލޯނު ދީގެން ހިންގާ މި މަޝްރޫއު ސީއެންއީސީސީއާ ހަވާލުކޮށްފައިވަނީ 76 މިލިއަން އެމެރިކާ ޑޮލަރަށް 30 މަސް ތެރޭގައި ނިންމާ ގޮތަށެވެ.

ނަމަވެސް ފަހުން އެ މަޝްރޫއު ވަނީ ކުރިއަށް ނުގޮސް ހުއްޓިފައެވެ.

އެކަން ފާހަގަކުރައްވައި ޚަލީލް ވިދާޅުވީ މިނިސްޓްރީގެ ބެލުމުގެ ދަށުން އާކިޓެކްޓުން މިހާރު މަސައްކަތް ކުރަނީ ޓާޝަރީ ހޮސްޕިޓަލަކަށް ޑިޒައިން ކުރަން ކަމަށެވެ.

އަދި އެ ހޮސްޕިޓަލަށް ފަންޑު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި އަހަރުގެ ފަހުކޮޅު މަސައްކަތް ފެށޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

comment ކޮމެންޓް