ކުރީ ސަރުކާރުގެ ދައުރު ނިމުނުއިރު ސިއްހީ ނިޒާމަށް އަޅާލާފައެއް ނެތް: ޚަލީލް

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު: ހެލްތު މިނިސްޓަރު ޚާލީލު މިއަދު ވިދާޅުވީ މިދިޔަ ފަސް އަހަރު ނިމިގެން ދިޔައިރު ސިއްހީ ނިޒާމަށް އަޅާލާފައެއް ނެތް ކަމަށް -- ފޮޓޯ/ އެމްޑީޕީ

ނިމިދިޔަ ސަރުކާރުގެ ފަސް އަހަރުގައި ސިއްހީ ނިޒާމަށް އަޅާލާފައި ނެތް ކަމަށާއި އެއީ މި ސަރުކާރުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައި ޚަލީލް ވިދާޅުވީ، ސިއްހީ ޚިދުމަތް ދޭ ބައެއް ތަންތަން ހުރީ ބައުވެ ވަރަށް ދަށް ފެންވަރެއްގައި ކަމަށެވެ. އެގޮތުން ބައެއް ތަންތަނުގެ ދޮރުތައް ހަލާކުވެ، އިމާރާތްތައް ބައުވެފަވާކަމަށް ޚަލީލް ވިދާޅުވިއެވެ.

މިއީ ދައްކާ "ތޯތޯ" ވާހަކައެއް ނޫންކަމަށާއި އޭނާގެ ދެލޮލުން ދުށް މަންޒަރު ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

...ވަރަށް ބޮޑަށް ކަންބޮޑުވޭ ފަސް އަހަރު ނިމިގެން ދިޔައިރު ސިއްހީ ނިޒާމު އޮތީ ވަރަށް އަޅާލުން ކުޑަކޮށް. މަރާމާތުކުރުމެއް ނެތި ތަންތަން ދޫކޮށްލާފައި އޮތީ. ވަރަށް ބޮޑަށް ރަން ޑައުންވެފަ އިމާރާތްތައް ހުރީ، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

ހަމައެއާއެކު ނިމިދިޔަ ސަރުކާރުން މައިގަނޑު ގޮތެއްގައި އިމާރާތް ކޮށްފައި ހުރީ ހޮސްޕިޓަލުތަކުގެ އޮފީސް ބައި ކަމަށް މިނިސްޓަރު ޚަލީލް ވިދާޅުވިއެވެ. އަދި އެއީ މި ސަރުކާރުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަަމަށް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބުދާރީވެވަޑައިގަންނަވަނީ: ޚަލީލް ވިދާޅުވީ ސިއްހީ ކަންކަމަށް 300 މިލިއަނެއްހާ ރުފިޔާ އެސްޓީއޯއަށް ދައްކަންޖެހޭ ކަމަށް -- ފޮޓޯ/ މަޖިލިސް

މި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާނީ ރައްޔިތުންނަށް ޚިދުމަތްދޭބައިގެ މަސައްކަތްތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޚަލީލް ވިދާޅުވީ ޚިދުމަތް ފޯރުކޮށްދިނުމަށް އައު އިމާރާތް އެޅުމަށްފަހު، ބައު އިމާރާތް ބޭނުން ކުރާނީ އެހެނިހެން ޚިދުމަތްތަކަށެވެ. އަދި ރައްޔިތުން ޚިދުމަތް ހޯދުމަށް ވަންނަ ތަނަކަށް އެ ފަދަ ބައު އިމާރާތްތައް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

...ޚިދުމަތްތަކެއް ދިނުމަށް ބަލާއިރު އަޅުގަނޑުމެންގެ ވިސްނުމަކީ، ރައްޔިތުން ޚިދުމަތް ހޯދަން އަންނަ އިމާރާތް ވާންވާނީ ޚިދުމަތްދޭ އެންމެ އައު އިމާރާތް ކަމަށް. އެހެންވީމާ ދެން ރަށްރަށުގައި އިމާރާތްކުރެވޭނީ ޚިދުމަތްދޭ އިމާރާތްތައް. އޭގެ މާނައަކީ ޑޮކްޓަރަށް ދައްކާ ފެސިލިޓީ ހުންނާނީ އެތަނުގައި. ލެބޯޓަރީ ހުންނާނީ އެތަނުގައި، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

މީގެ އިތުރުން، ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގެ މަސައްކަތް ލަސްވާ ސަބަބަކީ ފައިސާ ދޫކުރުމުގައި ލަސްތަކެއް އުޅުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބުން އެކަމުގެ ބުރަ ކޮންޓްރެކްޓަރުންނަށް ވެސް އުފުލަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ހަމައެއާއެކު ޕްރޮޖެކްޓުތަކުގެ ކުރެހުންތައް ވެސް ވަރަށް ބޮޑަށް ބަދަލުކުރަންޖެހިފައި ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ޕްރޮޖެކްޓުތައް މީގެ ކުރިން ހަވާލުކޮށްފައި އޮތީ ދެވޭ ޚިދުމަތްތަކަށް ބަލައިގެން ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިވަގުތު ސިއްހީ ދާއިރާގައި 57 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި ޚަލީލް ވިދާޅުވީ އެ މަސައްކަތްތައް ނުހުއްޓި ކުރިއަށްދާނެކަން ޔަގީން ކުރައްވާނެ ކަމަށެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވެސް ސިއްހީ ދާއިރާ ފުޅާކުރުމަށްޓަކައި ގިނަ ޕްރޮޖެކްޓުތަކެއް ފެށިއެވެ. އޭގެތެރޭގައި މިދިޔަ އަހަރު އެކަނި ވެސް ރާއްޖޭގެ ހަތް ރަށެއްގައި ހޮސްޕިޓަލް އެޅުމަށް ހަވާލުކުރުމަށް ނިންމާފައިވެއެވެ. އަދި ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ވެސް ކޮންޓްރެކްޓަރުންނާ ހަވާލުވެސް ކުރިއެވެ. އެހެން ނަމަވެސް އެ މަސައްކަތްތައް އަދި ނުފެށެއެވެ.

comment ކޮމެންޓް