ބަންގްލަދޭޝްގެ ހަމަނުޖެހުންތަކާ ހެދި، މޯލްޑިވިއަންއިން ޑާކާ ދަތުރުތައް މެދުކަނޑާލައިފި

މޯލްޑިވިއަންގެ ފްލައިޓެއް: ބަންގްލަދޭޝްގެ ހަމަނުޖެހުންތަކާ ހެދި، މޯލްޑިވިއަން އިން ވަނީ ޑާކާއަށް ކުރާ ދަތުރުތައް މެދުކަނޑާލައިފަ ---- ފޮޓޯ/ ރައީސް އޮފީސް

ބަންގްލަދޭޝްގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ ސަބަބުން ގައުމީ އެއާލައިން، މޯލްޑިވިއަންއިން ޑާކާއަށް ކުރާ ދަތުރުތައް މެދުކަނޑާލައިފިއެވެ.

މޯލްޑިވިއަންއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ބަންގްލަދޭޝްއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލައި، އެ ގައުމުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

މީގެއިތުރުން، އެންމެ އިސްކަންދޭނީ ފަސިންޖަރުންނާއި ކްރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަން މޯލްޑިވިއަނުން ފާހަގަކޮށްފައިވެއެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން ބަންގްލަދޭޝްގައި އަންނަނީ އެގައުމުގެ ސަރުކާރުން ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި ގެންގުޅޭ އުސޫލާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރަމުންނެވެ.

އިއްޔެ އަކީ އެ މުޒާހަރާތައް އެންމެ ވަރުގަދަ ކުރި ދުވަހަށް ވާއިރު، އެ ގައުމުގެ ބޮޑު ވަޒީރު ޝައިޚު ހަސީނާ ވަނީ އިސްތިއުފާ ދެއްވައި ގައުމު ދޫކުރައްވައި ވަޑައިގެންފައެވެ.

ބަންގްލަދޭޝްގެ ޓީވީ ޗެނަލް، ޗެނަލް 24އިން އާންމުކޮށްފައިވާ ވީޑިއޯތަކުގައި ފެންނަ ގޮތުން މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުވަޒީރުގެ ގަނޑުވަރަށް ވަދެ، ގޮނޑި މޭޒު ފަދަ ތަކެތި އުކައި، ބިއްލޫރި ދޮރުތައް ތަޅައިލައި، އެތަނުގައި ހުރި ފޮތާއި އެނޫންވެސް ތަކެތި ގެންގޮސްފައެވެ.

އެ މުޒާހަރާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 300 އާ ގާތްކޮށްފައެވެ.

comment ކޮމެންޓް