ރާއްޖެއަށް ގެންނަ މުދަލަށް ޑިއުޓީ ދެއްކުން ފަސޭހަ ކުރުމަށް "ސިމްޕްލިފައިޑް ޑެކްލެރޭޝަން"ގެ ނަމުގައި ފަސޭހަ ނިޒާމެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ބުނެފިއެވެ.
އެސްއެސްޓީވީގެ "ބާރު ހަތަރެއް"ގައި ވާހަކަދައްކަވަމުން ކަސްޓަމަސްގެ ސުޕްރިންޓެންޑެންޓް އަލީ ޒުބައިރު ވިދާޅުވީ ސިމްޕްލިފައިޑް ޑެކްލަރޭޝަން ތަޢާރަފު ކުރުމާ އެކު އަމިއްލަ ފަރާތްތަކުން ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީގެ ޑިއުޓީއާއި ޑެކްލަރޭޝަން އިތުރު އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް ނެތި މޯބައިލް ފޯނުން ދެއްކޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ލަފާކުރެވޭ ގޮތުގައި ކުރިޔަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ސިމްޕްލިފައިޑް ޑެކްލަރޭޝަން ތަޢާރަފު ކުރެވިގެންދާނެއެވެ.
މިހާރު ކަސްޓަމްސްއަށް ޑިއުޓީ ދެއްކުމާއި ޑެކްލަރޭޝަން ދެއްކުމަށް ފޯމެއް ފުރަންޖެހެއެވެ. އަދި އެ ކަމުގައި ކަސްޓަމްސްގެ މެދުވެރިން ނުވަތަ ބްރޯކަރުން މެދުވެރިވެއެވެ.
ޒުބައިރު ވިދާޅުވީ ސިމްޕްލިފައިޑް ޑެކްލަރޭޝަން ތަޢާރަފުވެގެން ދިއުމަކީ އާންމުންނަށް ކްލިއަރެންސާއި، އެ ކަމަށް މިހާރު ހޭދަކުރަންޖެހޭ ވަގުތާ އަޅާބަލާއިރު، ވަރަށް ބޮޑު އިންގިލާބީ ބަދަލެއް ގެނުވާނެ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން މި ލަފާކުރަނީ ކުރިޔަށް ދެ މަސްދުވަހުގެ ތެރޭގައި ސިމްޕްލިފައިޑް ޑެކްލަރޭޝަން ތަޢާރަފުކޮށް، މޯބައިލް ފޯނުން އެ ބޭފުޅަކު އަމިއްލައަށް އެއްވެސް ކަސްޓަަމްސްގެ މެދުވެރިއަކާ ނޫނީ އިތުރު ފަރާތަކާ ނުލައި، އެ ބޭފުޅުން ގެންނަ މުދަލުގެ މައުލޫމާތު ހުށަޙަޅައި، ޑެކްލެއާ ކުރެވޭނެ ނިޒާމު ހަމަޖެހިގެންދާނެ ކަމަށް،" ޒުބައިރު ވިދާޅުވިއެވެ.
އެ ފަރާތަކުން ބޭރުން ގެންނަ މުދަލުގެ ސްޓޭޓަސް ނޭނގުމުގެ ޝަކުވާ ކަސްޓަމްސްއަށް ހުށަހެޅެއެވެ. އޭނާ ވިދާޅުވި ގޮތުގައި މި މުއާމަލާތުގައި އިތުރު މެދުވެރިން އައުމަކީ ތަކުލީފު ދިމާވާ ކަމެއް ކަމަށެވެ. ގިނަ ފަހަރަށް މި ފަދަ މައްސަލަތަކުގައި ޑެކްލަރޭޝަން ފޯމު ނުފުރައި، ނުވަތަ ކަސްޓަމްސްއަށް ބޭނުންވާ މައުލޫމާތު ނުލިބިގެން ވެސް ބޭރުން ގެންނަ ތަކެތި ނުލިބި ލަސްވާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ކަސްޓަމްސްއަށް ބޭނުންވާ އަސާސީ މައުލޫމާތުތަކުގެ ތެރޭގައި މުދަލުގެ އަގު ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތާއި، މުދާ ގިންތި ކުރުމަށް ބޭނުންވާ މައުލޫމާތުގެ އިތުރުން މުދަލުގެ ޑިއުޓީ ރޭޓު ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ވެސް ހިމެނެއެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިމްޕްލިފައިޑް ޑެކްލަރޭޝަން ތަޢާރަފްވެގެން ދިއުމާ އެކު މިހާރު ކަސްޓަމްސްއަށް ހުށަހަޅަމުންދާ ގިނަ ޝަކުވާތަކަކަށް ހައްލު ލިބިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ކުދިކުދި ބޭނުންތަކަށް ރާއްޖެއަށް ގެންނަ ތަކެތީން 10،000 ރުފިޔާއާ ހަމަޔަށް ޑިއުޓީވަނީ މަޢާފުކޮށްދެއްވައިފައެވެ. އެ މަނިކުފާނުވަނީ މީގެ ކުރިން 6،000 ރުފިޔާއަށް ހަމަޔަށް ޑިއުޓީ މަޢާފުކޮށްދޭ ގޮތަށް އޮތް އޮތުން 10،000 ރުފިޔާއަށް ބޮޑުކުރައްވާފައެވެ.
އެ ގޮތުން ކޮންމެ ދަތުރަކަށް ވެސް 10،000 ރުފިޔާއާ ހަމަޔަށް އަމިއްލަ ބޭނުންތަކަށް ގެންނަ ކުދިކުދި ތަކެތީން ޑިއުޓީ މަޢާފުކޮށްދޭނެއެވެ. އެހެން ނަމަވެސް ޑިއުޓީގެ އިނާޔަތުގެ ބޭނުން ނަމަހަ ގޮތުގައި ހިފައި، އަމިއްލަ ބޭނުން ފިޔަވަައި އެހެން ގޮތްގޮތަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް އެ ތަކެތި ބޭނުންކުރާ ފަރާތެއްނަމަ، އެ ގެންނަ ތަކެއްޗަށް ޑިއުޓީގެ އިނާޔަތެއް ނުލިބޭނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.