ސަރުކާރުން އުޅެނީ މާލެއިން ޖާގަ ނުދެވޭ ސިޔާސީ މުވައްޒަފުން ކައުންސިލްތަކަށް ފޮނުވަން: ހިސާން

އެމްޑީޕީގެ ނައިބު ރައީސް ހިސާން ހުސެން: އޭނާ ވިދާޅުވީ ސަރުކާރުން އުޅެނީ މާލެއިން ޖާގަ ނުދެވޭ ސިޔާސީ މުވައްޒަފުން ކައުންސިލްތަކަށް ފޮނުވަން ކަމަށް --- ސަން ފޮޓޯ/ ނާއިޝް ނާހިދު

މި ސަރުކާރުން އުޅެނީ މާލެއިން ޖާގަ ނުދެވޭ ސިޔާސީ މުވައްޒަފުން ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވަން ކަމަށް އެމްޑީޕީގެ ނައިބު ރައީސް ހިސާން ހުސެން ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ބޭއްވި ހަވަރު ބެރު ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ، މިދިޔަ ފަސް އަހަރު ތެރޭ ކައުންސިލްތަކުގައި ވަރަށް ބޮޑަށް ޖާގައިގެ ދަތިކަން ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ މައްސަލަ ހައްލު ކުރަން ކައުންސިލްތަކަށް އާ އިދާރާތަކާއި އޮފީސްތައް އެޅުމުގެ މަސައްކަތް ޕީއެސްއައިޕީ ޕްރޮޖެކްޓުގައި ޖަހައިގެން ކުރިއަށް ގެންދިޔަ ކަމަށް ހިސާން ވިދާޅުވިއެވެ. ނަމަވެސް، މި ސަރުކާރު ހަވާލުވުމަށް ފަހު އެ ހުރިހާ ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ހުއްޓާލާފައިވާ ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.

އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު: ވިދާޅުވީ ސަރުކާރުން އުޅެނީ އިންތިޚާބުކޮށްފައި ތިބި މީހުން މަދުކޮށް، އައްޔަން ކޮށްފައި ތިބި މީހުން ގިނަ ކުރުން ކަމަށް --- ސަން ފޮޓޯ/ ނާއިޝް ނާހިދު

"އެއްވެސް ރަށެއްގައި އާ ކައުންސިލް އިމާރާތެއް އެޅުމުގެ މަސައްކަތެއް ހިނގަނީއެއް ނޫން. އެކަމް މިކޮޅުން ބަރާބަރަށް ސިޔާސީ މުވައްޒަފުން އެތަނަށް އެބަ އައްޔަން ކުރޭ. ކައުންސިލަރުންގެ މޭޒުގައި ތޯ އެބޭފުޅުން އިންނަންވީ،" ހިސާން ވިދާޅުވިއެވެ.

ކައުންސިލްތަކުން ޚިދުމަތް ދިނުމަށް މަގުފަހިކޮށް ދިނުމަށް ދޭންޖެހޭ މާލީ ބާރުވެރިކަމާއި އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ ބަދަލުގައި ފެންނަނީ ކައުންސިލްތަކުގެ އަތުގައި އޮތް އެއްޗެއް ސަރުކާރުން އަތުލާ މަންޒަރު ކަމަށް ހިސާން ވިދާޅުވިއެވެ.

މީގެއިތުރުން، އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވެސް ވިދާޅުވީ، ސަރުކާރުން ކުރަން އުޅޭ ކަމަކީ އިންތިޚާބުކޮށްފައި ތިބި މީހުން މަދުކޮށް، އައްޔަން ކޮށްފައި ތިބި މީހުން ގިނަ ކުރުން ކަމަށެވެ. އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ބެލެވޭ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އެގޮތުން، އޭނާ ވަނީ ސްޕޯޓްސް މިނިސްޓްރީން ކައުންސިލަކަށް ފޮނުވާފައިވާ ސިޓީއެއް ކަމަށް ވިދާޅުވެ ސިޓީއެއް ހިއްސާކުރައްވާފައެވެ. އެ ސިޓީއާ ހަވާލާދެއްވައި ނިޔާޒު ވިދާޅުވީ، އެ ފަރާތަކީ ސަރުކާރުން އައްޔަންކުރަން އުޅޭ މީހެއް ކަމަށާއި އެގޮތަށް އައްޔަން ކުރާ ބޭފުޅުންނަށް ކައުންސިލަރުންގެ މުސާރައިގެ ދެގުނަ ބޮޑުކޮށް ލިބޭނެ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި ލޯކަލް ގަވަމެންޓު އޮތޯރިޓީން ކައުންސިލްތަކަށް ޕުޝް އެބަ ކުރޭ މިނިސްޓްރީތަކާ އެއްކޮށް އެއްބަސްވުމަކަށް އަންނަން. ސިޔާސީ މުވައްޒަފުން ގެންގުޅުމުގެ އެއްބަސްވުމެއް. އަޅުގަނޑުމެންނާ ދިމާވާ ކައުންސިލަރުން އެބަ ބުނޭ ތިމަންނަމެން އެކަމެއް ގަބޫލެއް ނުކުރަމޭ،" ނިޔާޒު ވިދާޅުވިއެވެ.

އެމްޑީޕީން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިން --- ސަން ފޮޓޯ/ ނާއިޝް ނާހިދު

މިކަމާ ގުޅުވައި އިތުރަށް ވާހަކަދައްކަވަމުން މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ، ސަރުކާރުން މިހާރު ކުރަން އުޅޭ ކަމަކީ ކައުންސިލްތަކުގައި ހުހަށް ހުރި ގޮނޑިތަކަށް ސިޔާސީ މީހުން އައްޔަން ކުރުން ކަމަށެވެ. އެގޮތުން، މި މަސައްކަތުގެ ތެރެއިން ސަރުކާރުން އުޅެނީ ރައްޔިތުންގެ އަޑު ކަނޑުވާލަން ކަމަށް ޝަމާއު ވަނީ ތުހުމަތު ކުރައްވާފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ މަގާމުތަކުގެ އަދަދު 700އަށް ވުރެ އިތުރު ނުކުރައްވާނެ ކަމުގެ ވައުދުފުޅާއެކުގައެވެ. ނަމަވެސް އެ އަދަދު މިހާރު 2،000އަށް ވުރެ އިތުރުވެފައިވާ ކަމަށް އެމްޑީޕީން ބުނާއިރު، ސަރުކާރުން ޖުމްލަ އަދަދެއް ރަސްމީ ގޮތެއްގައި ހަމަކޮށްފައި ނުވެއެވެ.

comment ކޮމެންޓް