މެދު ރާއްޖެތެރޭގެ މަސްވެރިކަން ރަނގަޅުވުމުން މިފްކޯގެ މަސްކިރާ ބޯޓުތައް މާލެ ސަރަހައްދަށް

މާލެ ފަޅުގައި އޮތް ދޯޔަކުން މީހަކު މަސްތަކެއް ބާލަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެދު ރާއްޖެތެރޭގެ މަސްވެރިކަން ރަނގަޅުވުމުން މިފްކޯގެ މަސްކިރާ ބޯޓުތައް މާލެ ސަރަހައްދަށާއި މީމު އަތޮޅަށް ފޮނުވާފައި ވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިކަމާ ގުޅިގެން މިފްކޯއިން މީޑިއާތަކަށް ފޮނުވާފައިވާ މެސެޖެއްގައި ވަނީ މާލެ ސަރަގައްދުގައި މަސްވެރިކަން ރަނގަޅުވެފައި ވާތީ މިފްކޯގެ ބޯޓު "ރެހެނދި 20" މާލެ ސަރަހައްދުގައި މަސްކިރުމަށް ބާއްވާފައި ވާނެކަމަށެވެ.

އަދި މީމު އަތޮޅުގެ މަސްވެރިކަން ވެސް މިހާރު ރަނގަޅު ކަމަށާއި މިފްކޯގެ މަސްކިރާ ބޯޓު "މަހާ ކަލަމިންޖާ" މީމު އަތޮޅަށް ދިއުމަށް މިއަދު ފުރާނެ ކަމަށް މިފްކޯއިން ބުންޏެވެ. މީމު އަތޮޅުގައި މިހާރުވެސް "ރެހެނދި 23" މަސް ކިރާ ބޯޓު އޮންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިފްކޯއިން ބުނީ ލާމު އަތޮޅާއި ތާ އަތޮޅުގެ މަސްވެރިކަން، މެދު މިންގަނޑަކަށް ރަނގަޅު ނަމަވެސް ދެކުނުގެ މަސްވެރިކަން ރަނގަޅުވާނެ ކަމަށް މަސްވެރިން ލަފާކުރަނީ އަންނަ ހަފްތާއިން ފެށިގެން ކަމަށެވެ.

ރާއްޖޭގެ ކަންކޮޅުތަކުގެ މަސްވެރިކަން މިހާރު ރަނގަޅުވަމުން އަންނަކަމަށް މިފްކޯއިން ބުނެފައި ވާއިރު މަސް ގަންނަން ނުލިބޭތީ މި ދުވަސްވަރު ރައްޔިތުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

https://sun.mv/194660

މިފްކޯގެ ފިހާރަތަކުންނާއި މާލޭގެ މަސް މާރުކޭޓުން ވެސް ކަނޑު މަސް ހުސްވެ މަހުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

comment ކޮމެންޓް