ކަނޑުމަސް ގަންނަން ނުލިބިގެން އާންމުން ޝަކުވާ ކުރަމުން އަންނައިރު މާލޭގެ މަސް މާރުކޭޓުގައި ވެސް މަސް ހުސްވެ, މަހުގެ އަގުތައް އުފުލިއްޖެއެވެ.
މަސް މާރުކޭޓުގައި މަސް ވިއްކަން ތިބޭ މީހުން ބުނީ މާރުކޭޓުން މަސް މަދުވެ ހުސްވަނީ މި ދުވަސްވަރު މަސްވރިކަން ދަށްވުމުން ކަމަށެވެ. އަދި ކިރާ މަހަށް ފައިސާ ފައިސާ ނުލިބޭ ކަމަށް ބުނެ، މަސްވެރިން މަހަށް ނުދާ މައްސަލަ ވެސް އެ މީހުން ފާހަގަކުރިއެވެ.
މާރުކޭޓުގެ ވިޔަފާރިވެރިއަކު ބުނީ މަސްވެރިކަން ކުރުމަށް ބަނދެފައި ހުންނަ ދޯނިތަކަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފަރުމާ ކޮށްފައި ހުންނަ ދޯނިފަހަރު ކަމަށާއި މަސް ކިރައިގެން ލިބޭ ލާރިން ދޯންޏަށް ކުރަންޖެހޭ ޚަރަދު ވެސް އެހާ ބޮޑުކަމަށެވެ. ނަމަވެސް މިހާރު މަހަށް ލިބޭ ފައިސާއިން ދެކޮޅު ނުޖެހޭ ކަމަށް އޭނާ ބުންޏެވެ.
މަސް މާރުކޭޓުގައި މިހާރު ކަނޑު މަސް ކިލޯއެއް އުޅެނީ 45 ނުވަތަ 50 ރުފިޔާއަށެވެ. މީގެ ކުރިން މާރުކޭޓުގައި މަސް ވިއްކަމުން އައީ ކިލޯއެއް 30 ރުފިޔާ ނުވަތަ 35 ރުފިޔާއަށެވެ.
މާރުކޭޓުގައި މަސް ވިއްކާ މީހުން ބުނި ގޮތުގައި މަސްވެރިން މިހާރު މަސް ވިއްކަނީ ވެސް އަގު ބޮޑުކޮށެވެ. އެގޮތުން އެންމެ ކުޑަކޮށްވެސް މަސް ކިލޯއެއް ވިއްކަނީ 35 ރުފިޔާއަށް ކަމަށް ވަނީ ބުނެފައެވެ.
މަސް ގަންނަން ނުލިބި އާންމުން ޝަކުވާ ކުރަމުން އަންނަތާ ދެ ހަފުތާއެއްހާ ދުވަސްވެފައި ވާއިރު ސަރުކާރުގެ މަސްކުންފުނި މިފްކޯގެ ފިހާރަތަކުން ވެސް ވަނީ މަސް ހުސްވެފައެވެ.
މަސްވެރިން ކިރާ މަހަށް ފައިސާ ނުދޭތީ މިއަހަރުތެރޭ އެކި ފަހަރުމަތިން މަސްވެރިން އިހުތިޖާޖުކޮށްފައިވެއެވެ.
މި ސަރުކާރުން ވަނީ މިހާތަނަށް މަސް ގަންނަމުން އަންނަނީ ދެމެހެއްޓެނިވި ގޮތެއްގައި ނޫން ކަމަށް ބުނެ، ބައިނަލްއަގުވާމީ އަގުގައި މަސް ގަންނަން ނިންމައިފައެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ދުވަސްކޮޅު އޭރު އޮތް ސަރުކާރުން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރިއެވެ. ނަމަވެސް، މިދިޔަ ފެބްރުއަރީ މަހު މި ސަރުކާރުން އެ އަގު 20އަށް ދަށްކުރަން ނިންމިއެވެ.
ބައިނަލްއަގުވާމީ އަގުގައި މަސް ގަންނަން ފެށުމުން، މަހުގެ އަގު ވަނީ އެއަށްވުރެ ދަށްވެފައެވެ. އެގޮތުން މިހަފުތާގައި މިފްކޯއިން މަސް ގަންނަ އެންމެ ބޮޑު އަގަކީ 16 ރުފިޔާއަށެވެ.