ހައުސިން ޔުނިޓްތަކުގެ ކުލިން 20 ޕަސެންޓު މާފުކުރުމުން ވެސް ނުދައްކާތީ އިންޒާރެއް

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: ނުގަވައިދުން ހައުސިން ޔުނިޓުތައް ބޭނުން ކުރާ ފަރާތްތަކަށް މިނިސްޓްރީން ފިޔަވަޅު އަޅަން ފަށަނީ -- ފޮޓޯ: އިންފިނިޓް މޫމަންޓްސް / މުޙައްމަދު ޝާތިއު އަބްދުﷲ

މާލެ ސަރަހައްދާއި އެކި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ކުލިން 20 ޕަސެންޓު މާފު ކުރުމުން ވެސް ބައެއް މީހުން ކުލި ނުދައްކާތީ އެމީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ހައުސިން މިނިސްޓްރީން އިންޒާރެއް ދީފިއެވެ.

ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ދެއްކުމަށް ޔުނިޓްތަކުގެ ވެރި ފަރާތްތަކަށް މިނިސްޓްރީން އަންގާފައިވާނެ ކަމަށެވެ.

ނަމަވެސް، ގިނަ ފަރާތްތަކުން އަދި ވެސް ފައިސާ ދައްކަމުން ނުދާ ކަމަށާއި މަހުން މަހަށް ޔުނިޓުތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، އެ ޔުނިޓުތަކަށް ކަނޑައެޅިފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށް ބޭނުންކުރުމާއި ނުގަވައިދުން ތަނަށް ބަދަލު ގެނައުމާއި ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކާއި ޔުނިޓުތައް ކުއްޔަށް ދިނުމާ ގުޅޭ ކަންކަން މިނިސްޓްރީން ބަލަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ގަވާއިދާ ޚިލާފަށް އަަމަލު ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ ކުރިން ސަރުކާރުން ވަނީ އެ ފްލެޓްތަކުގެ ކުލި ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާތައް ވެސް މައާފު ކޮށްދީފައެވެ.

އެ ހައުސިން ޔުނިޓުތަކުގެ މަހު ކުލި ކުޑަކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

comment ކޮމެންޓް