ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ޓެނިހުގެ ފިިރިހެން ސިންގަލްސް ބައިގެ ރަން މެޑަލް ސާބިއާގެ ނޯވަކް ޖޯކޮވިޗް ކާމިޔާބު ކޮށްފިއެވެ.
ފިރިހެން ސިންގަލްސް އިންވެންޓްގެ ރަންމެޑަލް ޖޯކޮވިޗް ހާސިލްކޮށްފައިވަނީ މިވަގުތު އެންމެ ފޯމުގައި ކުޅެމުންދާ އެއް ކުޅުންތެރިޔާ ކަމުގައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒްއާ ފައިނަލްގައި ބައްދަލުކޮށް ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ.
މިމެޗު ސީދާ ދެ ސެޓުން ޖޯކޮވިޗް ކާމިޔާބު ކުރި ނަމަވެސް މިދެ ސެޓުވެސް ވީ ވަރަށް އުނދަގޫ އަދި އެހާމެ ފޯރިގަދަ ދެ ސެޓަށެވެ. އަދި ދެކުޅުންތެރިންގެ ތަފާތު ފެނުނީ ދެސެޓުގެވެސް ޓައި ބްރޭކްގައެވެ.
ފުރަތަމަ ސެޓު ހައެއް ހަޔަކުން އެއްވަރުވުމުން ކުޅުނު ޓައި ބްރޭކް ޖޯކޮވިޗް ކާމިޔާބު ކޮށްފައިވަނީ ހަތެއް ތިނަކުންނެވެ. އަދި ދެވަނަ ސެޓުގައިވެސް ވަރަށް ހަމަހަމަކޮށް ގޮސް މިފަހަރުވެސް ޓައި ބްރޭކްގައި އަލްކަރާޒްއަށް ގޯސް ހެދި ޖޯކޮވިޗް ޓައިބްރޭކް ކާމިޔާބު ކުރީ ހަތެއް ދެއަކުންނެވެ.
އުމުރުން 37 އަހަރުގެ ޖޯކޮވިޗް މިހާތަނަށް ގްރޭން ސްލޭމް 24 މުބާރާތް ކާމިޔާބު ކޮށް އެންމެ ކާމިޔާބު ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ލަގަބު ހޯދާފައިވީ ނަމަވެސް އޭނާއަށް މިހާތަނަށް ކާމިޔާބު ނުކުރެވި އޮތް ހަމައެކަނި މެޑަލް އަކީ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ރަން މެޑަލްއެވެ. އަދި މި މެޑަލް އާއެކު ޖޯކޮވިޗްއަށް މިވަނީ ޓެނިހުގެ ދުނިޔޭގައި ކާމިޔާބު ކުރެވެން އޮތް ހުރިހާ ކާމިޔާބީއެއް ހާސިލްކޮށްފައެވެ.
މި ރަން މެޑަލް އާއެކު ޖޯކޮވިޗް ވެފައިވަނީ ކެރިއާ ސިންގަލްސް ގޯލްޑެން ސްލޭމް ހެދި ފަސްވަނަ ކުޅުންތެރިޔާއަށެވެ. ގޯލްޑެން ސްލޭމްގެ ގޮތުގައި ބަލަނީ ހަތަރު ގްރޭން ސްލޭމް މުބާރާތާއެކު އޮލިމްޕިކް މުބާރާތުގެ ރަން މެޑަލް ހާސިލް ކުރުމުންނެވެ. އަނެއް ހަތަރު ކުޅުންތެރިންނަކީ ރަފައެލް ނަޑާލް، ސެރިނާ ވިލިއަމްސް، އަންޑްރޭ އަގާސީ އަދި ސްޓޭފީ ގްރާފްއެވެ.
މީގެ ދެމަސް ކުރިން ޖޯކޮވިޗް ރޯލަންޑް ގެރޯސްގެ ކޯޓުން ފާބައިގެންދިޔައީ އަނިޔާވެ އޮޕަރޭޝަނެއް ކުރަންޖެހޭ ހާލާއެކުއެވެ. ނަމަވެސް އޮޕަރޭޝަނަށްފަހު އެނބުރި އައިސް ވިމްބަލްޑަން ޗެމްޕިއަންޝިޕްސްގެ ފައިނަލްގައި އަލްކަރާޒްއާ ވާދަކޮށް ބަލިވި ނަމަވެސް މިމުބާރާތުގައިމިވަނީ ރަން މެޑަލް ހާސިލްކޮށްފައެވެ.
ޖޯކޮވިޗްއަށް އޮލިމްޕިކް ރަން މެޑަލް ހާސިލް މިކުރެވުނީ ފަސްވަނަ ފަހަރުންނެވެ. އޭނާއަށް މިހާތަނަށް އޮލިމްޕިކްގައި ހޯދިފައިވީ 2008 ވަނަ އަހަރުގެ މުބާރާތުގައި ރަންވަންލޯ މެޑަލް އެކެވެ. މިފަހަރުގެ މުބާރާތުގައި ފިރިހެން ސިންގަލްސް އިވެންޓްއިން ރަން ވަންލޯ މެޑަލް ހާސިލްކޮށްފައިވަނީ ކެނެޑަގެ ފީލިކްސް އައުގާ އެލިއަސީމްގެ މައްޗަށް ކުރި ހޯދި އިޓަލީވިލާތުގެ ލޮރެންޒޯ މުސޭޓީއެވެ.