ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ފުޓްބޯޅަ ފިރިހެން އިވެންޓްގެ ރަން މެޑަލް ސްޕެއިނުން ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދާފައިވަނީ ފައިނަލްގައި ފަރަންސޭސިވިލާތާ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 އިން ދެ ޓީމު އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގައި ސްޕެއިނުން ކާމިޔާބުކުރި އިތުރު ދެ ލަނޑާ އެކު 5-3 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ފެށުން ރަނގަޅުވީ ފަރަންސޭސި ޓީމުގެއެވެ. މި ގޮތުން، މެޗުގެ 11 ވަނަ މިނެޓުގައި އެ ޓީމުންވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މިއާ އެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެންދިޔަ ތަން ފެނިގެންދިޔައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެންޒޯ މިލޮޓްއެވެ. ނަމަވެސް، ފަރަންސޭސީންނަށް މި ލީޑު ދެމެހެއްޓޭގޮތްވީ ހަތް މިނެޓް ވަންދެނެވެ.
މެޗުގެ 18 ވަނަ މިނެޓުގައި ފާމިން ލޯޕޭޒްވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ސްޕެއިނަށް ހަމަހަމަ ކޮށްދީފައެވެ. އަދި، މި ލަނޑު ޖެހިތާ ހަ މިނެޓް ފަހުން ލޯޕޭޒްވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ވެސް އެ ޓީމަށް ނަގައިދީފައެވެ. މި ލަނޑާ އެކު ފަރަންސޭސީންނަށް އިތުރަށް ހަމަޖެހިނުލެވި އުޅެނިކޮށް ސްޕެއިނުން ވަނީ ތިންވަނަ ލަނޑެއް ޖަހާ މެޗުގައި ދެ ލަނޑުގެ ލީޑެއް ނަގާ ހަމަޖެހިލާފައެވެ. މި ލަނޑު މެޗުގެ 28 ވަނަ މިނެޓގައި ޖަހައިދިނީ އެލެކްސް ބައޭނާއެވެ. މި ލަނޑާ އެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ މި ނަތީޖާގައި އޮވެގެންނެވެ.
ފަރަންސޭސި ޤައުމީ ޓީމާ އެކު ވޯލްޑް ކަޕާއި ޔޫރޯ މުބާރާތް ކާމިޔާބުކުރުމުގެ އިތުރުން އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ތިއެރީ އޮންރީގެ ކޯޗުކަމުގެ ދަށުން ކުޅެމުންދިޔަ ފަރަންސޭސި ޓީމުން ދެވަނަ ހާފަށް ނުކުތީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް މެޗުން ނަތީޖާއެއް ނެރުމުގެ އަޒުމާ އެކުއެވެ. މި ގޮތުން މެޗުގެ 79 ވަނަ މިނެޓުގައި މެގްނެސް އަކްލިއޫޗޭ ޖަހާދިން ލަނޑާ އެކު ދެ ޓީމުގެ ދެ މެޗުގައިވާ ފަރަގު އެއް ލަނޑަށް ބަދަލުކުރިއެވެ. އަދި، މި ނަތިޖާގައި އޮވެ މެޗު ނިމެން ދަނިކޮށް ފަރަންސޭސީންނަށް މެޗު އެއްވަރުކުރުމުގެ ފުރުސަތު ލިބިގެންދިޔައީ ސްޕެއިންގެ ޕެނަލްޓީ އޭރިއާ ތެރޭގައި އެ ޓީމުގެ ބެނާޓު ޓުރިއެންޓޭސް ފަރަންސޭސިވިލާތުގެ އާނޯޑް ކަލިމުއެންޑޯއަށް ފައުލްކުރި ކަމަށް ވީއޭއާރަށް ފެނި ރެފްރީގެ ސަމާލުކަމަށް ގެނައުމާ އެކުއެވެ. މިއާ އެކު މެޗުގެ އިތުުރު ވަގުތުގެ ތިންވަނަ މިނެޓުގައި ލިބިގެންދިޔަ ޕެނަލްޓީ ފަރަންސޭސީންނަށް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ޖޮން ފިލީޕޭ މަޓޭޓާއެވެ.
ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 3 ލަނޑު 3 ލަނޑުން އެއްވަރުވުމުން މެޗުގެ ނަތީޖާ ނެރުމަށްޓަކައި އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.
މި ގޮތުން، މެޗުގެ 100 ވަނަ މިނެޓްގައި ސްޕެެއިނަށް އަނެއްކާ ވެސް ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިއެއް ކަމަށްވާ ސާޖިއޯ ކަމޭޔޯއެވެ. އަދި، 120 މިނެޓްގެ ކުޅުން ހަމަވެ ދެއްކި އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ކަމޭޔޯ ޖަހައިދިން ދެވަނަ ލަނޑާ އެކު މި މެޗު ސްޕެއިނުން ކާމިޔާބުކޮށް ރަން މެޑަލް ކަށަވަރުކުރިއެވެ.
މިއީ 1992 ވަނަ އަހަރަށް ފަހު ސްޕެއިނަށް އޮލިމްޕިކުން ރަން މެޑަލް ހާސިލުކުރެވުނު ފުރަތަމަ ފަހަރެވެ. މިއާ އެކު ފަހަކަށް އައިސް ސްޕެއިނުން ބައިނަލްއަޤުވާމީ ފުޓްބޯޅައިގާ ހޯދާ ކާމިޔާބީ މި އަންނަނީ އިތުރުވެ، އެ ޤައުމުގެ ޑޮމިނެންސް އިތުރުކުރަމުންނެވެ.
މި ގޮތުން އޮލިމްޕިކްސްއިން ރަން މެޑަލް ހާސިލުކޮށްފައިވާއިރު ޔޫރޯ މުބާރާތުގެ ތަށި ސްޕެއިނުންވަނީ ވަރަށް ފަހުން އުފުލާލާފައެވެ. އަދި، ޔޫރަޕްގެ ފިރިހެން 19 އަހަރުން ދަށުގެ މުބާރާތް ސްޕެއިން މިދިޔަ މަހު ކާމިޔާބު ކޮށްފައިވާއިރު އަންހެން ވޯލްޑް ކަޕް ސްޕެއިނުން ވަނީ މިދިޔަ އަހަރު ހޯދާފައެވެ. އަދި، ކްލަބް ލެވެލަށް ބަލާއިރު ވެސް ޔުއޭފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ސްޕެއިން ލަލީގާގެ ރެއާލް މެޑްރިޑެވެ.
މެޗުން ބަލިވި ނަމަވެސް ފަރަންސޭސި ކޯޗު އޮންރީ ހުރީ މި މުބާރާތުގައި އޭނާގެ ޓީމުން ދެއްކި ކުޅުމާއި ދެވުނު ހިސާބަށް ބަލާއިރު ވަރަށް ހިތްހަމަ ޖެހިފައެވެ.
ނަމަވެސް، މި އިވެންޓުން ރަން މެޑަލް ނުލިބުމުން އޮލިމްޕިކްސްގެ މެޑަލް ތާވަލްގައި ފަސްވަނައަށް އެރުމަށް އޮތް ފުރުސަތު މިވަނީ މި ވަގުތަށް ގެއްލިގެން ގޮސްފައެވެ. ފަރަންސޭސީން އުޅެނީ 14 ރަން މެޑައްޔާއި 20 ރިހި މެޑަލް އަދި 22 ލޯ މެޑައްޔާ އެކު ތާވަލުގެ ހަވަނައިގައެވެ.