10،000އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވި ޕެރިސް އޮލިމްޕިކްސް ނިންމާލައިފި

--

ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ބޭއްވި އޮލިމްޕިކް ކުޅިވަރު މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ނިންމާލައިފިއެވެ.

ދިހަހާހަށްވުރެ ގިނަ އެތުލީޓުންނާއެކު 207 ޤައުމަކުން މި ފަހަރުގެ އޮލިމްޕިކް ކުޅިވަރު މުބާރާތް ނިންމުމުގެ ރަސްމިއްޔަތު ބާއްވާފައިވަނީ ޕެރިހުގެ ސްޓާޑެ ޑި ފްރާންސް ސްޓޭޑިއަމްގައެވެ.

މި ރަސްމިއްޔާތު ފެށިގެންދިޔައީ ބައިވެރި ޤައުމު ތަކުގެ އެތުލީޓުން ދަނޑުގެ ޓްރެކް ސަރަހައްދަށް އެއްވުމުންނެވެ. އަދި އެއަށްފަހު މިފަހަރުގެ މުބާރާތުގައި ދެވުނު އެންމެ ފަހު މެޑަލް އަންހެނުންގެ މެރަތަންގެ ވަނަތަށް ހޯދި އެތުލީޓުންނަށް ދެވުނެވެ.

މި ބައިގެ ރަން މެޑަލް ހާސިލް ކޮށްފައިވަނީ ނެދަލަންޑްސްގެ ސިފާން ހަސަންއެވެ. އޭނާ މެރަތަން ނިންމާފައިވަނީ އޮލިމްޕިކް ރިކޯޑަކާއެކު ދެ ގަޑި އިރާ ބާވީސް މިނެޓް ފަންސާސް ފަސް ސިކުންތުންނެވެ. މިބައިން ދެވަނައަށް ދިޔައީ އިތިއޮޕިއާގެ ޓިގްސްޓް އަސީފާއެވެ.

އަދި ތިންވަނައަށް ދިޔައީ ކެންޔާގެ ހެލެން އޮބީރީއެވެ. މިތިން އެތުލީޓުންނަށް މެޑަލް ހަވާލު ކޮށްދިނީ ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމެޓީގެ ރައީސް ތޯމަސް ބާޗްއެވެ.

ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ބާޗް ވަނީ ޕެރިހުގައި ބޭއްވި އޮލިމްޕިކް މުބާރާތުގެ ފުރިހަމަ ކަމާގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އަދި އެތުލީޓުންގެ ފަރާތުން ފެނިގެންދިޔަ ހުނަރުވެރި ކަމާއި އޭގެ އިތުރުން އެކި ޤައުމުގެ އެތުލީޓުން އޮލިމްޕިކް ވިލެޖްގައި މިހާ ދުވަސް ވަންދެން އެކުވެރި ކަމާއެކު ގުޅިގެން އުޅުނު އުޅުމަށް އޭނާ ތައުރީފް ކުރިއެވެ.

ހަމައެއާއެކު މިމުބާރާތް މިހާ ފުރިހަމަ ކަމާއެކު ބޭއްވުމުގައި އެހީތެރިވި 45 ހާސް އޮލަންޓިއަރުން ކުރި ބުރަ މަސައްކަތަށް ވެސް އޭނާ ޝުކުރު އަދާކުރިއެވެ.

ބާޗްގެ ވާހަކައަށްފަހު ދެން ފެނިގެންދިޔައީ ފަރަންސޭސިވިލާތުގެ ފަންނާނުންގެ ކުލަގަދަ ހުށަހެޅުމެކެވެ. ދި ގޯލްޑެން ވޮއެޖާގެ ނަންދީފައިވި މި ހުށަހެޅުމަށްފަހު ފަރަންސޭސި ބޭންކް ފީނިކްސްގެ ހުށަހެޅުންތަކެއް ވެސް ފެނިގެންދިޔައެވެ. މި ހަރަކާތްތަކަށްފަހު ދެން އޮތީ 2028 ވަނަ އަހަރު މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ލޮސް އެންޖަލިސްގެ ފަރާތްތަކާއި އޮލިމްޕިކް ދިދަ ހަވާލް ކުރުމެވެ.

މިގޮތުން މިދިދަ ލޮސް އެންޖަލިސްގެ މޭޔާ ކަރެން ބާސް އާ ހަވާލު ކުރިތަން ފެނިގެންދިޔައެވެ. އަދި މާގިނަ އިރު ތަކެއް ނުވެ ހޮލީވުޑްގެ މަޝްހޫރު އެކްޓާ ޓޮމް ކްރޫސް ސްޓޭޑިއަމްގެ މަތިން ވަލެއްގައި ފައިބާ ދިދަ އާއި ހަވާލުވެ ސައިކަލެއްގައި ދިދަ ހިފައިގެން ދެއެވެ.

ޓޮމް ކްރޫސް ދިދަ އާއެކު ޕެރިހުގެ މަގުމަތީ ސައިކަލްގައި ގޮސް އެއާޕޯޓްގައި އޮތް މަތިންދާ ބޯޓަށް ސައިކަލްގައި އަރާ ދެން ފެނިގެންދަނީ އެމެރިކާ މަތިން ވައިގެ ތެރެއަށް ފުންމާލާތަނެވެ. މިއާއެކު އޭނާ އެ ދިދަ އެމެރިކާގެ މައުންޓާން ބައިކް ދުއްވާ ކޭޓް ކޯޓްނީ އާއި ތަޖްރިބާކާރު ދުވުންތެރިޔާ މައިކަލް ޖޯންސަން އަދި ސްކޭޓް ބޯޑު ދުއްވާ ޖެގާ އީޓަން އަތުން ލޮސް އެންޖަލިސްގެ މަގުތަކުގައި މި ދިދަ ދައުރުވާތަން ވީޑިއޯއިން ދައްކުވާދިނެވެ.

މި ދައްކާލުމުގައި ލޮސް އެންޖަލިސްގެ ފާހަގަކޮށްލެވޭ މަޝްހޫރު ތަންތަން ދައްކާލުން އޮތެވެ. އަދި މިބައި ނިމިގެންދިޔައީ ރެޑް ހޮޓް ޗިލީ ޕެޕާ، ރެޕާ ސްނޫޕް ޑޯގު އާއޮ ޑޮކްޓާ ޑްރޭ އަދި ބިލީ އެލިޝްގެ ހުށަހެޅުން ތަކަކާއެކުއެވެ.

މިފަހަރުގެ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ހުޅުކޮޅު ސްޓޭޑިއަމްއަށް ގެނެސްދިނީ މިފަހަރުގެ މުބާރާތުގައ ިއެންމެ ކަމިޔާބު ފަރަންސޭސި އެތުލީތު ކަމުގައިވާ ފެތުންތެރިޔާ ލެއޮން މާޗާޑްއެވެ.

އޭނާ ވަނީ މިފަހަރުގެ މުބާރާތުގައ ިހަތަރު ރަން މެޑަލް އާއި އެއް ރަން ވަންލޯ މެޑަލް ހާސިލް ކޮށްފައެވެ. މި ރަސްމިއްޔާތުގައި ހުޅުކޮޅު ނިއްވާލުމުގައި މާޗާޑް އިތުރުން ކޮންމެ ބައްރަކުން އެއް އެތުލީޓަކާއި ރެފިއުޖީ އޮލިމްޕިކް ޓީމްގެ އެތުލީޓަކާއި އޮލިމްޕިކް ކޮމެޓީގެ ރައީސް ބާޗް ބައިވެރިވެފައިވެއެވެ. އަދި އެއާއެކު މިފަހަރުގެ އޮލިޕްލިކް ކުޅިވަރު މުބާރާތް ނިމުނުކަން ބާޗް އިއުލާން ކުރިއެވެ.

އެންމެ ފަހު ފަހަރެކޭއެއްގޮތަށް މިފަހަރުވެސް މެޑަލް ތާވަލްގެ އެއްވަނަ ހާސިލް ކޮށްފައިވަނީ އެމެރިކާއިންނެވެ. ނަމަވެސް އެމެރިކާއަށް މިފަހަރު އެއްވަނައަށް އެރިފާވަނީ އެންމެ ފަހު ވަގުތު ކާމިޔާބު ކުރެވުނު އަންހެން ބާސްކެޓް ބޯޅަ ރަން މެޑަލްއާއެކުއެވެ.

އެމެރިކާއިން މިފަހަރުވަނީ 126 މެޑަލް ހާސިލްކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ 40 ރަން މެޑަލް އާއި 44 ރިހި މެޑަލް އަދި 42 ރަން ވަން ލޯ މެޑަލްއެވެ. ތާވަލްގެ ދެވަނަ ހޯދަފައިވަނީ ޗައިނާއިންނެވެ.

އެއީ 40 ރަން މެޑަލް އާއި 27 ރިހި މެޑަލް އާއި 24 ރަން ވަން ލޯ މެޑަލްއާއެކު 91 މެޑަލް ހާސިލް ކޮށްގެންނެވެ. ތިންވަނައަށް ގޮސްފައިވަނީ 45 މެޑަލް އާއެކު ޖަޕާންއެވެ. އެއީ 20 ރަން މެޑަލް އާއި 12 ރިހި މެޑަލް އާއި 13 ރަން ވަން ލޯ މެޑަލް އާއެކުއެވެ.

comment ކޮމެންޓް