ދައުލަތަށް ނުލިބި ހުރި ފައިސާ އަނބުރާ ހޯދާއިރު، ދައުލަތުގެ ކުންފުނިތަކުން ވެސް ބިލިއަނުން ނުދައްކާ ހުރި ފައިސާ ހޯދަން ޖެހޭ ކަމަށް އިގުތިސާދު ދިރާސާ ކުރައްވާ ތަޖުރިބާކާރު، އާތިފް ޝަކޫރު ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ ޓޯކިން އިކޮނޮމީ ޕްރޮގްރާމްގެ ތިން ވަނަ އެޕިސޯޑުގައި އާތިފް ވިދާޅުވީ ދައުލަތަށް ފައިސާ ނުލިބި ހުރީ ހަމައެކަނި ޕްރައިވެތް ސެކްޓާއިން ނޫން ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ބަޖެޓާއެކު ފިނޭންސް މިނިސްޓްރީން ނެރުނު ކަރުދާސްތަކުގައި، ދައުލަތުގެ ކުންފުނިތަކުން ސަރުކާރަށް 2.7 ބިިލިއަން ރުފިޔާ ނުދައްކައި ހުރިކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ތެރޭގައި ބީޕީޓީ، ޖީއެސްޓީ، ވިތުހޯލްޑިން ޓެކްސް އަދި ޑިވިޑެންޑްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ހިމެނޭ ކަމަށް ކަމަށް އާތިފް ވިދާޅުވިއެވެ.
"މުޅި ޖުމްލަ ކުންފުނިތަކުން ދައުލަތަށް ދައްކަން ހުރި ފައިސާ ބަލާއިރުގައި ނަގާފައި ހުރި ލޯނުތަކާއި އޮންލެންޓް ކޮށްފައި ހުރި ލޯންތަކަށް ބަލާއިރު 18 ބިލިއަން ރުފިޔާ. މިއީ އަދި ކުންފުނި ހިންގަން ދައުލަތުން ދެއްވާ ޚަރަދުގެ އިތުރަށް. ކުންފުނި ހިންގަން 2024 ވަނަ އަހަރަށް އެބައޮތް މިއަހަރުވެ 1.49 ބިލިއަން ރުފިޔާ،" އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރު ބަޖެޓާއެކު އާންމުކުރި މައުލޫމާތުގައި އެސްއޯއީތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުހިމަނައި އޮތްކަން އާތިފް ފާހަގަކުރެއްވިއެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ބަޔާންކޮށްފައިވާ ހިރާސްތަކުގެ ތެރޭގައި ދައުލަތުގެ ކުންފުނިތަކުގެ ކޭޝްފްލޯ މެނޭޖު ކުރުމުގައި މައްސަލަތައް ދިމާވާކަމާއި އޭގެ އެއް ސަބަބަކީ ނަން ކޮމާޝަލް މަސައްކަތްތަކެއް އެ ކުންފުނިތަކުން ކުރުން ކަމަށް ލިޔެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެ މިހާރު އޮތް ހާލަތުން، ދައުލަތަށް ލިބެން ހުރި ފައިސާ ހޯދައިގެން ނޫނީ އެކި ކަންތަކާ ކުރިމަތިލާން އުނދަގޫވާނެ ކަމަށް އާތިފް ވިދާޅުވިއެވެ.
"އެކަމަކު އެ ހަރަކާތް ހަމައެކަނި ލިމިޓް ނުކުރައްވާ ޕްރައިވެޓް ސެކްޓާއަށް، ސަރުކާރު ކުންފުނިތަކުން ވެސް ފައިސާ ލިބެން އެބަހުއްޓޭ އެ ފައިސާ ހޯދުމުގައި ވެސް މިހާ ފަރުވާތެރިކަމާއެކު މަސައްކަތް ކުރުމަކީ މިވަގުތަށް ރަނގަޅު ގޮތް ކަމުގައި އަޅުގަނޑުމެންނަށް ފެންނަނީ. ދައުލަތުގެ ފައިސާ ދައުލަތަށް ލިބެން ހުރި އާމްދަނީ އެންމެ މަތީ ފަޑިން ފެއްޓެވި މަސައްކަތަކީ ހަމަ ރަނގަޅު ހަރުދަނާ މަސައްކަތެއް،" އޭނާ ވިދާޅުވިއެވެ.
ދައުލަތަށް މިހާތަނަށް ނުލިބި އޮތް ފައިސާގެ އަދަދު 15.4 ބިލިއަން ރުފިޔާއަށް އަރާއިރު ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ވެސް އަންނަނީ އެ ފައިސާ އަނބުރާ ހޯދަން މަސައްކަތް ކުރަމުންނެވެ.
މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ފައިސާ ހޯއްދަވާނެ ކަމަށާއި އެ ފައިސާއިން ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުވާނެ ކަމަށް ވިދާޅުވެފައެވެ.