މިދިޔަ އަހަރުގެ ޖަނަވަރީއަށްވުރެ މި އަހަރުގެ ޖަނަވަރީގައި، 411 މިލިއަން ރުފިޔާ ދައުލަތުގެ ރިކަރަންޓު ޚަރަދާއި ކެޕިޓަލް ޚަރަދުން ކުޑަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވަލޮޕްމެންޓްސްގައިވާ އަދަދުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖަނަވަރީގައި ކެޕިޓަލް އަދި ރިކަރަންޓު ޚަރަދަށް ހޭދަކޮށްފައިވަނީ 1.2 ބިލިއަން ރުފިޔާއެވެ. އަދި މި އަހަރުގެ ޖަނަވަރީގައި މި ޚަރަދުތަކަށް ހޭދަކޮށްފައިވަނީ 846.4 މިލިއަން ރުފިޔާއެވެ. އެއީ 411 މިލިއަން ރުފިޔާގެ ކުޑަވުމެކެވެ.
މިދިޔަ އަހަރުގެ ޖަނަވަރީއާ އަޅައިބަލާއިރު މި އަހަރުގެ ޖަނަވަރީގައި ޕީއެސްއައިޕީއިން 188.5 މިލިއަން ރުފިޔާއިންވަނީ ޚަރަދުކުޑަކޮށްފައެވެ. އެ ގޮތުން މި އަހަރުގެ ޖަނަވަރީގައި ޕީއެސްއައިޕީއަށް ޚަރަދުކޮށްފައި އޮތީ 0.3 މިލިއަން ރުފިޔާއެވެ.
މިދިޔަ ޖަނަވަރީގައި އެންމެ ބޮޑަށް ޚަރަދު ކުޑަކޮށްފައިވާ އަނެއް ދާއިރާއަކީ އިދާރީ ކަންކަމާއި ހިންގުމުގެ ޚަރަދުގެ ދާއިރާއެވެ. ހިންގުމުގެ ޚަރަދުގެ ގޮތުގައި މިދިޔަ އަހަރުގެ ޖަނަވަރީގައި އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރިއިރު، މި އަހަރުގެ ޖަނަވަރީގައި ޚަރަދުކޮށްފައިވަނީ 690.3 މިލިއަން ރުފިޔާއެވެ. މިއީ 336.4 މިލިއަން ރުފިޔާގެ ޚަރަދު ކުޑަވުމެކެވެ.
ހިންގުމުން ޚަރަދު ކުޑަކުރި ބައެއް ދާއިރާތައް:
- ދަތުރުފަތުރުން 12.5 މިލިއަން ރުފިޔާއިން ޚަރަދު ކުޑަކުރި
- އާސަންދައިން 47.2 މިލިއަން ރުފިޔާއިން ޚަރަދު ކުޑަކުރި
- އިދާރީ ކަންކަމަށް ބޭނުންވާ ސާމާނުން 100.8 މިލިއަން ރުފިޔާއިން ޚަރަދު ކުޑަކުރި
- އިދާރީ ޚިދުމަތްތަކުން 98.1 މިލިއަން ރުފިޔާ ޚަރަދު ކުޑަކުރި
- ފައިނޭންސިން އަދި އިންޓަރެސްޓުން 173.7 މިލިއަން ރުފިޔާއިން ޚަރަދުކުޑަކުރި
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިދިޔަ ޖަނަވަރީގައި ލިބިފައިވާ ކަމަށް ބުނެފައިވަނީ 1.3 ބިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ ޖަނަވަރީއާ އަޅައިބަލާއިރު، 245.8 މިލިއަން ރުފިޔާ މަދު އަދަދެކެވެ. މީގެ ތެރެއިން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާއަކީ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީއެވެ.