މިދިޔަ އަހަރުގެ ޖަނަވަރީ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ލިބުނު އާމްދަނީއާ އަޅައިބަލާއިރު، މިއަހަރުގެ ޖަނަވަރީގައި ލިބުނު އާމްދަނީ 7.7 ޕަސަންޓު ދަށްކަމަށް މީރާއިން ބުނެފިއެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ޖަނަވަރީގައި އާމްދަނީގެ ގޮތުގައި އެ އިދާރާއަށް ލިބިފައިވަނީ 3.34 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު ލިބިފައި ވަނީ، 3.60 ބިލިއަން ރުފިޔާއެވެ.
މީރާއިން ބުނީ، މިދިޔަ އަހަރުގެ ޖަނަވަރީއަށް ވުރެ މި އަހަރުގެ ޖަނަވަރީގެ އާމްދަނީ ދަށްވެފައި ވީނަމަވެސް، މި އަހަރުގެ ޖަނަވަރީއަށް ލަފާކުރި އާމްދަނީއަށްވުރެ ފަސް ޕަސަންޓު އިތުރަށް ލިބިފައި ވާކަމަށެވެ. މިއަހަރުގެ ޖަނަވަރީއަށް ލަފާކޮށްފައި ވަނީ 3.18 ބިލިއަން ރުފިޔާއެވެ.
އާމްދަނީ ދަށްވެފައި ވަނީ ބޭންކް އިންކަމް ޓެކްސް އަދި ކުންފުނިތަކާއި ފަރުދުން ނޫން އެހެން ފަރާތްތަކުން ނަގާ އާމްދަނީ ޓެކުހުން ލިބިފައިވާ އާމްދަނީ މަދުވުމުން ކަމަށް މީރާއިން ވަނީ ބުނެފައެވެ.
ޖަނަވަރީމަހު އެންމެ ގިނަ އާމްދަނީ ލިބިފައި ވަނީ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ)އިންނެވެ. އެގޮތުން، ޖީއެސްޓީއިން 1.59 ބިލިއަން ރުފިޔާ މީރާއަށް ވަނީ ލިބިފައެވެ.
ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 1.19 ބިލިއަން ރުފިޔާއާއެވެ.
ޖަނަވަރީމަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 125.49 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ.
އެހެންކަމުން ޚަރަދު ކުޑަކުރުން އަވަސް ކުރަންޖެހޭކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.
މި ސަރުކާރުން މި އަހަރަށް ފާސްކުރި ބަޖެޓު 56.6 ބިލިއަން ރުފިޔާއަށް އަރައެވެ. އެ ބަޖެޓުގައިވަނީ، މި އަހަރު ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ކުރަންޖެހޭ ހޭދަ 9.4 ބިލިއަން ރުފިޔާއަށް ދަށްކުރެވޭނެ ކަމަށް ބުނެފައެވެ.
އެ ބަޖެޓުގައި، ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމަށް ޖުމުލަ 11.5 ބިލިއަން ރުފިޔާގެ އިސްލާހީ ފިޔަވަޅު ހިމަނައިފައިވާއިރު، އެ ފިޔަވަޅުތަކާ އެކު ޚަރަދުން 6.6 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.