ކަންގަނާ ދިރިއުޅޭ ގެ ބޮޑު އަގުގައި ވިއްކާލަނީ

ބަތަލާ ކަންގަނާ ރަނާވަތު--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ސިޔާސީ މައިދާނަށް ނުކުމެފައިވާ ފިލްމީ ތަރި ކަންގަނާ ރަނާވަތު މުމްބާއިގައި ދިރިއުޅެމުން އައި ގެ ބޮޑު އަގުގައި ވިއްކާލުމަށް ނިންމައިފިއެވެ.

ދާދިފަހުން އިންޑިއާގައި ބޭއްވި ލޯކް ސަބާ އިލެކްޝަންގެ ގޮނޑި ކާމިޔާބުކޮށްފައިވާ ބަތަލާ ވިއްކާލަން ނިންމާފައި ވަނީ ބަންޑްރާގައި ހުންނަ އަމިއްލަ ޕްރޮޑަކްޝަން ހައުސް މަނީކަރުނިކާ ފިލްމްސް އޮފީސް ވެސް ހިންގަމުން އައި ގެއެވެ.

ޔޫޓިއުބުގައި ހިންގަމުން އަންނަ ކޯޑު އެސްޓޭޓް ޕޭޖުގައި މި ޕްރޮޑަކްޝަން ހައުސް ވިއްކާލަން ޖަހާފައިވާއިރު މިއީ ކޮން ބަތަލާއެއްގެ އޮފީހެއްކަން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ޕޭޖުގައި ޕަބްލިޝްކޮށްފައިވާ ވީޑިއޯއިން އެއީ ކަންގަނާ ދިރިއުޅުނު ގެ ކަމާއި ބަތަލާގެ ފިލްމު ކުންފުނި ހިންގި ޢިމާރާތްކަން ވަރަށް ރަގަޅަށް ސާފުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.


ކަންގަނާ ދިރިއުޅެމުން އައި މި ގެ އަކީ 2020ވަނަ އަހަރު އިންޑިއާގެ ބްރީހަންމުމްބާއި މުނިސިޕަލް ކޯޕަރޭޝަން އޮތޯރިޓީއިން ބައިބައިކޮށް ތަޅާލާފައިވާ ގެ އެކެވެ. އޭރު އެ ގޭގެ ވަރަށް ބޮޑު ބައެއް ތަޅާލުމަށްފަހު ބިމާ ހަމަކޮށްފައި ވަނީ ޤަވައިދާ ޚިލާފަށް އެކްސްޓެންޝަން ދިން ކަމުގެ ތުހުމަތުގައެވެ.

ކަންގަނާ ލޯކް ސަބާ އިލެކްޝަންގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަނީ--ފޮޓޯ/ފިލްމުފެއަ

ކަންގަނާގެ ގެ ވިއްކާލުމަށް ޕަބްލިޝްކުރެވުނު ވީޑިއޯގައި ބުނާގޮތުން މި ގެއަކީ 285 މީޓަރުގެ ޕްލޮޓެކެވެ. މީގެއިތުރުން އިމާރާތް ކުރުމުގެ މަސައްކަތް ނުނިމަ 3042 އަކަފޫޓުގެ ބައެއް މި ޕްލޮޓުގެތެރޭ ހިމެނޭކަމަށް ވެސް މި ވީޑިއޯގައި ވަނީ ބުނެފައެވެ. ސައުންޑު ޕްރޫފު ކުރެވިފައިވާ އެޑިޓު ކުރުމަށް ހާއްސަ ސްޓޫޑިއޯއެއް ޤާއިމުކޮށްފައިވާ މި ގެ ވިއްކާލަން ނިންމާފައި ވަނީ ހަތަރު މިލިއަން އެމެރިކާ ޑޮލަރަށެވެ.


ސިޔާސީ މަސައްކަތްތަކަށް ވަގުތު ހުސްކުރުމުގެ ގޮތުން ފިލްމީ ދާއިރާއިން ވަކިވާން ނިންމާފައިވާ ބަތަލާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "އިމަޖެންސީ"އިންނެވެ.

comment ކޮމެންޓް