ޖަޕާނަށް މިހާތަނަށް އެންމެ ހޫނު ގަދަ ޖުލައި މަސް

ޖަޕާނުގެ ރިސޯޓު ރަށެއް ކަަމަށްވާ ޝިރާހަމާ. ޖަޕާނަށް މިހާތަނަށް އެންމެ ހޫނުގަދަވީ ޖުލައި މަހު. ފޮޓޯ/އިންގްލިޝް އަރަބިއާ

މީގެ 126 އަހަރު ކުރިން ރެކޯޑްތައް ބަލަހައްޓަން ފެށި ފަހުން މިހާތަނަށް ޖަޕާނަށް އެންމެ ހޫނުގަދަވީ މިއަހަރުގެ ޖުލައި މަހު ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާ (ޖޭއެމްއޭ) އިން ހާމަކޮށްފިއެވެ.

ޖަޕާނުގައި މޫސުމާބެހޭ ރެކޯޑުތައް ބަލަހައްޓަން ފެށީ 1898 ވަނަ އަހަރުއެވެ.

ޖަޕާނުގެ ފިނިހޫނުމިން އެވްރެޖަށްވުރެ 2.16 ޑިގްރީ ސެލްސިއަސް މައްޗަށް ގޮސްފައިވާއިރު، މިދިޔަ އަހަރުގެ ޖުލައި މަހުގެ އެވްރެޖް ފިނިހޫނުމިން ހުރީ 1.91 ޑިގްރީ ސެލްސިއަސްގައެވެ.

ހޫނުގަދަވާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ޕެސިފިކް ކަނޑުގެ މަތީގައި ހައި ޕްރެޝާ އުފެދުމާއި ދެކުނުން ޖެހޭ ވައި ހޫނުވުން ހިމެނޭ ކަމަށް ޖޭއެމްއޭއިން ބުނެއެވެ.

އޭޕްރީލް މަހުން ފެށިގެން މިހާތަނަށް ޖަޕާނުގައި ހޫނުގަދަވުމުގެ ސަބަބުން 59 މީހުން މަރުވެފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ބުނެއެވެ.

މިދިޔަ މަހު ޓޯކިޔޯގެ ހުޅަނގުން އޮންނަ ޝިޒޫއޯކާ ވެގެން ދިޔައީ މިއަހަރު މާކިއުރީ 40 ޑިގްރީ ސެލްސިއަސް އަށް އަރާފައިވާ ޖަޕާނުގެ ފުރަތަމަ ސަރަހައްދަށެވެ.

މުޅި ދުނިޔޭގައިވެސް އާދަޔާޚިލާފަށް ހޫނުގަދަވުން އާންމުވަމުން އަންނައިރު، މިހާތަނަށް ދުނިޔެ އެންމެ ހޫނުގަދަވީ ޖުލައި މަހުގެ 21 ވަނަ ދުވަހެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި އޭޕްރީލް މަހު ނިމުނު އެލް ނީނޯގެ އަސަރުތަކުގެ ސަބަބުން މި އަހަރަކީ މިހާތަނަށް ދުނިޔެ އެންމެ ބޮޑަށް ހޫނުވި އަހަރަށްވުން އެކަށީގެންވާ ކަމަށް ސައިންސުވެރިން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް