މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގަމުން ދަނިކޮށް ނ. ހެނބަދޫގައި ފުލުހުންގެ ސައިކަލެއް ރޯކޮށްލައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް މިމަހުގެ އެއްވަނަ ދުވަހު ގެއްލުންދީ އަދި އިތުރު ފުލުހެއްގެ ސައިކަލުގައި ރޭ ދަންވަރު ވަނީ ރޯކޮށްލާފައެވެ.
ޝިފާން ވިދާޅުވީ ތުހުމަތު ކުރެވޭ ގޮތުގައި މިކަމަކީ ނ. އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ މިފަދަ ފިނޑި އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އޭނާ ވަނީ އެފަދަ ވިސްނުމުގައި އަމަލުކުރަމުންދާ ފަރާތްތަކަށް އެކަން ހަނދާންކޮށް ދެއްވައިފައެވެ.
ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް ގެއްލުންދީ އިތުރު ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައިވާ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
ނަމަވެސް މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.