އައްޑޫ ސިޓީއަށް މިހާރު ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދެ އަހަރުން ދާއިމީ ހައްލެއް ގެނެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.
އައްޑޫ ސިޓީއަށް ކަރަންޓު ފޯރުކޮށްދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ.
އެ ކޯޕަރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގައި މިހާރު ވެސް އެކި ގަޑިތަކުގައި ކަރަންޓު ކަނޑަމުން އަންނަ ކަމަށެވެ.
އެގޮތުން، މި ވަގުތު ހިތަދޫއަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަނީ ވަރަށް ގިނަ ދަތިތަކާއެކު ކަމަށާއި އެ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެކުންފުނީގެ މެނޭޖުމަންޓުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މުއާޒް ވިދާޅުވިއެވެ.
އަޅުގަނޑުމެން ޗައިނާގެ ކުންފުންޏަކާ އެކީގައި އެއްބަސްވުމެއް އެއްބަސްވެގެން، އިރާދަ ކުރެއްވިޔާ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓު ނިމުމުން އައްޑޫގެ ކަރަންޓަށް ދިމާވެފައި މި އޮތް މައްސަލައަށް އެއްކޮށް ދާއިމީ ހައްލެއް ލިބިގެންދާނީ. ޗައިނާގެ ޑީސީ ކިޔާ ކުންފުންޏަކާ ހަވާލު ކޮށްފައި މި އޮތީ
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން އެ ސިޓީގައި 30 މެގަވޯޓްގެ ޕަވާ ޕްލާންޓެއް ގާއިމް ކުރުމަށް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންއާ ހަވާލު ކުރީ އޭޕްރީލް މަހު 18ގައެވެ.
އިތުރަށް އޭނާ ވިދާޅުވީ، ކުރީގެ ޖަނަރޭޓަރުތައް މެއިންޓެއިންނުކޮށް ހުރުމުން އެތަކެތި ހުރީ ހަލާކުވެފައި ކަމަށާއި އެ ސިޓީއަށް ކަރަންޓު ފޯރުކޮށްދެނީ 18 ވަރަކަށް ޖަނަރޭޓަރު ބަހައްޓައިގެން ކަމަށެވެ.
ޖަނަރޭޓަރުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ ސްޕެއާތައް ހޯދުމާއި ކެޕޭސިޓީ އިތުރުުކުރުމާއި ހަލާކުވެފައިވާ ޖަނަރޭޓަރުތަކުގެ ބަދަލުގައި އިތުރު ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތްތައް ކުރަމުން އަންނަކަން މުއާޒް ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، އެކުންފުނިން ކަރަންޓު ފޯރުކޮށްދޭ ކުޅުދުށްފުށި ސިޓީއާއި ފުވައްމުލައް ސިޓީ ފަދަ އާބާދީ ބޮޑެތި ރަށްތަކުގެ ކަރަންޓު މައްސަލައަށް ހައްލެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް މުއާޒް ވިދާޅުވިއެވެ.
މުއާޒް ވިދާޅުވީ، އެ ކުންފުނިން ކަރަންޓު ފޯރުކޮށްދޭ 90 ރަށެއްގެ ނެޓްވޯކް އަޕްގްރޭޑްކުރުމަށް 800 މިލިއަން ނުވަތަ އެއް ބިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ. އެގޮތުން، އެ ފައިސާ ހޯދަނީ ސަރުކާރާ ގުޅިގެން ކަމަށްވާއިރު، ކަރަންޓު ނެޓްވޯކް އަޕްގްރޭޑްކުރުމަށް އެންމެ ބޮޑަށް ބޭނުންވާ ރަށްތައް ފާހަގަކޮށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ކޭބަލަކަށް މައްސަލައެއް ދިމާވެ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން މިދިޔަ މަހުގެ 23ގައި ވެސް ވަނީ ކަރަަންޓު ކެނޑިފައިވެއެވެ. އެ މައްސަލަ ހައްލު ކުރުމަށް އާ ޖަނަރޭޓަރެއް ގަނެފައި ވާކަމަށާއި އަންނަ މަހުގެ ތެރޭގައި އެ ޖަނަރޭޓަރު ބަހައްޓާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް މިދިޔަ އަންގާރަ ދުވަހު ވަނީ ވިދާޅުވެފައެވެ.
އޭގެއިތުރުން، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އަސާސީ ދިރިއުޅުމަށް ދަތިވާ ވަރަށް ކަރަންޓު ކެނޑެމުންދާތީ، މިދިޔަ ހަފުތާގައި އިދިކޮޅު އެމްޑީޕީން މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅިއެވެ.