އައްޑޫ ސިޓިގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރުމަށް އާ ޖެނެރޭޓަރެއް ގަނެފައިވާ ކަމަށާއި އަންނަ މަހުގެ ތެރޭގައި އެ ޖެނެރޭޓަރު ބަހައްޓާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމާ ގުޅުވައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ތޯރިގް ވިދާޅުވީ، މިދިޔަ ފަސް އަހަރުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫގެ ސެންޓްރަލް ޕަވާ ސްޓޭޝަނަށް އެއްވެސް ތަރައްގީއެއް ގެނެސްފައި ނުވާ ކަމަށެވެ.
ކުރީ ސަރުކާރުގައި ޕަވާ ސްޓޭޝަނަށް ބޭނުންވާ އިތުރު ޖެނެރޭޓަރުތައް ގަނެފައިނުވާ ކަމަށާއި ބޭނުން ކުރަމުން ދިޔަ ޖެނެރޭޓަރުތައް ބަލަހައްޓާފައިނުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންވެ، އެ ރަށްތަކުގެ ހާލަތު ގޯސް ކަން ފާހަގަކުރައްވައި ތޯރިގު ވިދާޅުވީ، އައްޑުއަށް އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޯޓްގެ ކަރަންޓު ބޭނުންވާ ކަމަށާއި ކަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ބަހައްޓާފައި ހުރީ ވިހި ޖެނެރޭޓަރު ކަމަށެވެ. އެ ޖެނެރޭޓަރުތަކުން ޖުމަލް އުފެއްދެނީ 26.8 މެގަވޯޓުގެ ކަރަންޓެވެ.
އޭގެތެރެއިން ފަސް ޖެނެރޭޓަރު ހަލާކުވެފައިވާ ކަމަށާއި މިހާރު ހުރި ޖެނެރޭޓަރުތަކުން އުފެއްދެނީ 15 މެގަވޯޓުގެ ކަރަންޓު ކަމަށް ތޯރިގް ވިދާޅުވިއެވެ.
މިކަންތައް ހައްލު ކުރުމަށް މިހާރު ވެސް މި ވަނީ ރައީސް ޑރ. މުޙައްމަދުގެ ސަރުކާރުން، ފެނަކަ ކޯޕަރޭޝަނުން 1.5 މެގަވޯޓުގެ އާ ޖެނެރޭޓަރެއް ގަނެފައި، އެ ޖެނަރޭޓަރު ބަހައްޓާ އޮގަސްޓު މަހުގެ ތެރޭގައި ނިންމާނަން.
ތޯރިގް ވިދާޅުވީ، އެ ސިޓީއަށް ބޭނުންވާ ކަރަންޓު ދިނުމަށް އިތުރު ޖެނެރޭޓަރަަށް ބޭނުންވާ ސްޕެއާ ވެސް ހޯދާފައިވާއިރު، ހަލާކުވެފައިވާ ތިން ޖެނެރޭޓަރެއް ވެސް އަންނަ މަހު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.
ހަމައެހެންމެ، ހަލާކުވެފައިވާ ބާކީ ދެ ޖެނެރޭޓަރު މި އަހަރު ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތްތައް ނިމުމުން އެ ސިޓިގެ ކަރަންޓު މައްސަލައަށް ދުރު ރާސްތާ ހައްލެއް ލިބޭނެ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އަސާސީ ދިރިއުޅުމަށް ދަތިވާ ވަރަށް ކަރަންޓު ކެނޑެމުންދާތީ، މިދިޔަ ހަފުތާގައި އިދިކޮޅު އެމްޑީޕީން މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅިއެވެ.
ކޭބަލަކަށް މައްސަލައެއް ދިމާވެ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ ކަރަަންޓު ކެނޑިފައިވެއެވެ.
މިދިޔަ ހަފުތާގައި ފެނަކައިން ވަނީ، އައްޑޫ ސިޓީގައި ކަރަންޓު ކެނޑެނީ މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށްދާއިރު ކޭބަލްތަކަށް ލިބޭ ގެއްލުމުގެ ސަބަބުން ކަމަށާއި މަޝްރޫއު ކުރިއަށްގެންދާއިރު އިތުރު މައްސަލަތައް ދިމާވުމުން އެކަށީގެންވާ ކަމަށް ބުނެފައެވެ.