ކުދި ފެންފުޅި މަނާކުރުން އަނެއްކާވެސް ލަސްކޮށްފި

އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފެންފުޅި ރާއްޖޭގެ ބާޒާރުގައި ވިއްކުން މަނާކުރުން އަނެއްކާވެސް ލަސްކޮށްފި--- ފޮޓޯ/ ޕީއެސްއެމް

ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލާ ޕްލާސްޓިކުގެ ތެރެއިން އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފެންފުޅި ރާއްޖޭގެ ބާޒާރުގައި ވިއްކުން މަނާކުރުން އަނެއްކާވެސް ލަސްކޮށްފިއެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ސޮއެކުރައްވާ އިއްޔެ ނެރެފައިވާ ގަރާރެއްގައި ވަނީ 500 މިލިލީޓަރުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން ވެސް އަންނަ އަހަރުގެ ޑިސެމްބަރު އެކަކުން ފެށިގެން މަނާވާނެ ކަމަށެވެ.

އަދި އެކެއް މާޗް 2026އިން ފެށިގެން އެއް ލީޓަރާ އެއަށްވުރެ ކުދި ޕްލާސްޓިކް ފުޅި ބާޒާރަށް ނެރުން މަނާވާނެ ކަމަށް ވެސް ރައީސްގެ ގަރާރުގައިވެއެވެ.

މިއީ މި ތާރީހު ފަސްކޮށްފައިވާ ދެވަނަ ފަހަރެވެ. މީގެ ކުރިން އޮތީ މިއަދުން ފެށިގެން ކުދި ފެންފުޅި އެތެރެކުރުމާއި އުފެއްދުން މަނާކުރާ ގޮތަށެވެ.

ރާއްޖޭގެ ބާޒާރަށް އެތެރެނުކުރެވޭ ޕްލާސްޓިކާ ނުއުފެއްދޭނެ ޕްލާސްޓިކްގެ އިތުރުން ނުވިއްކޭނެ ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓެއް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވަނީ އެކުލަވާލާފައެވެ.

އެއް ލީޓަރާ އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފެންފުޅިއަކީ ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކު މަނާ ކުރެވޭ ލިސްޓުގެ ތެރެއިން މަނާ ކުރެވޭ އެންމެ ފަހު ބާވަތެވެ.

comment ކޮމެންޓް