ކުންޏާއި ކަރަންޓާއި ފެން ކުންފުނިތަކުގެ ބެލެނިވެރި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)އަށް ސީއީއޯއެއް ހިމެނޭހެން ހަތް މެންބަރުން އައްޔަންކުރެވޭ ގޮތް ހަދައިފިއެވެ.
ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރުމާ ހަމައަށް، އެ އިދާރާގެ ބޯޑުގައި ތިއްބަވަނީ ފަސް މެންބަރުންނެވެ.
ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި އިސްލާހު ތަސްދީގުކުރެއްވުމުން، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ދެން އައްޔަންކުރަން ޖެހޭނީ ހަތް މެންބަރުންނެވެ. އަދި މިއަދުން ފެށިގެން އެ ބޯޑުގައި ސީއީއޯއެއް ވެސް އިންނާނެއެވެ.
ޔޫޓިލިޓީ ރެގިއުލޭޓަރީގެ ގާނޫނަށް އަމަލުކުރަން ފެށީ ޑިސެންބަރު 13، 2020ގައެވެ. އެ ގާނޫނުގެ ދަށުން އުފެއްދި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަގުސަދަކީ އާންމު ބޭނުންތައް ކަމަށްވާ ކަރަންޓާއި ފެނާއި ކުނީގެ ޚިދުމަތްތައް ތަރައްގީކުރުމަށް ހިތްވަރުދީ ކުރިއެރުވުމާއި އެ ޚިދުމަތްތައް ދޭ ކުންފުނިތަކާއި ވިޔަފާރިތައް ހިނގާ ނުހިނގާގޮތް ބަލައި، ގާނޫނުތައް ތަންފީޒުކުރުމެވެ.
އެގޮތުން އެ ކުންފުނިތަކަށް ހުއްދަ ދޫކުރުމާއި ކުންފުނިތަކުގެ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޒިންމާތަކުގެ ތެރޭ ހިމެނޭ ބައެއް ކަންކަމެވެ.