ކަރަންޓު ބިލުގެ މައްސަލަ: ރައްޔިތުން ރަތަށް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ހަނު

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ: އެ އޮތޯރިޓީން ވަނީ ކަރަންޓު ބިލުގެ މައްސަލައިގައި ބަހެއް ބުނަން ދެކޮޅު ހަދާފައި -- ފޮޓޯ/ ގާފު

މިދިޔަ މަހުގެ ކަރަންޓު ބިލުތައް އާދަޔާ ޚިލާފަށް ބޮޑުވެ، ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އިންތިހާއަށް އޮތްއިރު އެ ކަމުގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބަހެއް ބުނަން ދެކޮޅު ހަދައިފިއެވެ.

ރައްޔިތުންގެ ކަންބޮޑުވުމަކަށްވީ ކަރަންޓު ބިލުތައް ބޮޑުވުމުގެ މައްސަލައެވެ. ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމުން ވެސް ކަރަންޓު ބިލު ކުޑަނުވާ ބައެއް އާންމުން ބުނެއެވެ. ޗުއްޓީއަށް މުޅި ގެ އެއްކޮން ނިވާލާފައި ދިއުމުން ވެސް ކަރަންޓު ބިިލު ކުޑަނުވާ ކަމަށް އާންމުންގެ ބައެއް މީހުން ތުހުމަތުކުރިއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތައް މިގޮތަށް ފާޅުކުރުމުން ސްޓެލްކޯއިން ވަނީ ކަރަންޓު ބިލުތަކުގައި މައްސަލަ އުޅޭ މީހުން އެ މައްސަލަ އެ ކުންފުންޏަށް ހުށައެޅުމުން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދާރީވާނެ ކަމަށް ބުނެފައެވެ.

ސްޓެލްކޯ: އެ ކުންފުނިން ވަނީ ކަންބޮޑުވުންތަކަށް 24 ގަޑިއިރު ތެރޭގައި ޖަވާބުދޭނެ ކަމަށް ބުނެފައި --- ފޮޓޯ/ ޕީއެސްއެމް

މި ޚިދުމަތުގެ ކަންކަން ބަލަހައްޓައި ރެގިއުލޭޓްކުރުމުގެ ޒިންމާ ގާނޫނުން މަތިކުރަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށެވެ. ނަމަވެސް، މިހާތަނަށް އައިއިރު އެ އޮތޯރިޓީން މި ކަމުގައި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ކަރަންޓު ބިލުތަކާ ގުޅިގެން ހޮނިހިރު ދުވަހުން ފެށިގެން 'ސަން'އިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެ ކަމާ ގުޅިގެން އެ އޮތޯރިޓީން އެއްވެސް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ޔުޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީއަކީ އާންމު ބޭނުންތަކުގެ ޚިދުމަތްތަކުގެ ތެރެއިން ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ކުނި މެނޭޖުކުރުމުގެ ޚިދުމަތްތައް ރެގިއުލޭޓްކުރުމުގެ މަސައްކަތްތައް ކުރުމަށް އުފެއްދި އިދާރާއެކެެވެ. މި އިދާރާ އުފެއްދީ 2020ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.

https://sun.mv/192775

މީގެ އިތުރުން, މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވެސް މި ކަމާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް ސުވާލުކުރުމުން ޖަވާބެއް ދީފައެއް ނުވެއެވެ.

ސްޓެލްކޯއިން އެންމެ ފަހުން ބުނީ، ކަރަންޓު ބިލް ބޮޑުވަނީ ކަރަންޓު ބޭނުންކުރެވޭ މިންވަރު އިތުރުވުމުން ކަމަށެވެ.

ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ބޮޑު މި މައްސަލައިގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އެއްވެސް ބަހެއް ބުނެފައިނުވާތީ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް