ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަޙައްދުތަކުން މިރޭ ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މީސްމީޑިއާގައި ޙިއްސާކުރި މަޢުލޫމާތުގައި ވާގޮތުން، ކަރަންޓު ކެނޑިފައިވާ ސަރަޙައްދުތަކަށް ވީއެންމެ އަވަހަކަށް އަލުން ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
ކަރަންޓު ދިޔައީ ހުޅުމާލެ ހޮސްޕިޓަލް ހިމެނޭ ސަރަހައްދާއި، ފޭސް އެކެއްގެ ރީތިގަސް ޓަވަރުތައް ސަރަހައްދުންނެވެ.
ނަމަވެސް، ކަރަންޓު މެދުކެނޑެން މެދުވެރިވި ސަބަބު އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން ޢާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މީގެކުރިންވެސް އެކި ފަހަރު މަތިން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވެއެވެ.