ލުބުނާނު ޖަމާއަތުގެ އިސް ކޮމާންޑަރު ޝަހީދުކޮށްލައިފައިވާކަން ކަށަވަރުކޮށްދީފި

ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިސްރާއީލުން ހަމަލާދިން ސަރަހައްދު. ފޮޓޯ/އަލް ޖަޒީރާ

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނަށް އިސްރާއީލުން ދިން ހަމަލާއެއްގައި އީރާނުގެ ތާއީދު އޮންނަ ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުﷲގެ އިސް ކޮމާންޑަރު ފުއާދު ޝުކްރު ޝަހީދުކޮށްލައިފައިވާކަން އެ ޖަމާއަތުން ކަށަވަރުކޮށްދީފިއެވެ.

އިސްރާއީލުގެ ހަމަލާތައް އަމާޒު ކޮށްފައި ވަނީ ބައިރޫތުގެ ދެކުނުގައި އޮންނަ އަލް-ޟާޙިޔާގެ ޙާރަތު ޙުރަޔިކް އަވަށުގައި ހުރި ހިޒްބުاللهގެ ޝޫރާ ކައުންސިލްގެ އިދާރާ ކައިރީގައި ހުރި އިމާރާތަކަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ މިދިޔަ ހޮނިހިރު ދުވަހު އިސްރާއީލުން ހިފާފައިވާ ގޯލާން އުސްބިންތަކުގައި އޮންނަ މިޖްދަލް ޝަމްސްގެ ފުޓްބޯޅަ ދަނޑަކަށް ދިން މިސައިލް ހަމަލާގެ ޒިންމާ ޝުކްރު އުފުލާފައިވާ ކަމަށެވެ. އެ ހަމަލާގައި އިސްރާއީލުގެ 12 ކުދިން ވަނީ މަރުވެފައެވެ.

ހިޒްބުﷲ އިން މީގެ ކުރިން ބުނީ އިސްރާއީލުން ދިން ހަމަލާއިން ޝުކްރު ސަލާމަތްވެފައިވާ ކަމަށެވެ. އަދި އިސްރާއީލުން ހަމަލާ އަމާޒުކުރި އިމާރާތުގައި ހަމަލާ ދިން ވަގުތު ޝުކޫރު ހުރި ކަމަށްވެސް ހިޒްބުﷲ އިން އޭރު ބުނެފައިވެއެވެ.

އޭނާ މަރުވިކަން އިއުލާން ކުރަމުން އެ ޖަމާއަތުން އިތުރަށް ބުނީ މިއަދު ބާއްވަން ހަމަޖެހިފައިވާ ޝުކްރުގެ ޖަނާޒާގައި އެ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުالله ތަގުރީރު ކުރައްވާނެ ކަމަށެވެ.

އިސްރާއީލާއި އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި، މިޖްދަލް ޝަމްސްގެ ދްރޫޒީ އަވަށުގެ ފުޓުބޯޅަ ދަނޑަށް ހަމަލާ ދީފައި ވަނީ ހިޒްބުالله އިންނެވެ. ނަމަވެސް، އެ ހަމަލާގައި އެ ޖަމާއަތުގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެ ހިޒްބުالله އިން ވަނީ ޔަހޫދީންނާއި އެމެރިކާގެ ތުހުމަތުތައް ދޮގު ކޮށްފައެވެ.

ދްރޫޒީއަށް ދީފައިވާ ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް އިސްރާއީލުން ތުހުމަތު ކުރާ ޝުކްރަކީ ހިޒްބުاللهގެ އިސްވެރިޔާހަސަން ނަސްރުاللهގެ އިސް މުޝީރެކެވެ. އޭނާއަކީ ފާއިތުވި 10 ވަރަކަށް މަސް ދުވަހުގެ ތެރޭގައި އިސްރާއީލުން ޝަހީދު ކޮށްލާފައިވާ ހިޒްބުاللهގެ އެންމެ އިސް ކޮމާންޑަރެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ ބެއިރޫތާއި ތެހެރާނަށް ދިން ހަމަލާތައް ކުށްވެރި ކުރައްވާފައެވެ.

comment ކޮމެންޓް