އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ސޫރިއާއިން އާ ޖަމާއަތެއް އުފެދޭނެ: އީރާން

ސޫރިއާގެ ހަލަބްގެ އަވަށެއްގައި ބައްޝާރުލް އަސަދާއި ސޫރިއާގެ ކުރީގެ ރައީސް ހާފިޒް އަލް އަސަދާއި ހިޒްބުالله ލީޑަރު ހަސަން ނަސްރަالله އަދި އީރާނުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީގެ ޕޯސްޓަރުތަކެއް ހަލާކުކޮށްލަނީ. ފޮޓޯ/ރޮއިޓާސް

ސޫރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމާ ގުޅިގެން އިސްރާއީލާ ހަނގުރާމަ ކުރުމަށް ސޫރިއާއިން އާ ޖަމާއަތެއް އުފެދޭނެ ކަމަށް އީރާނުގެ ސަލާމަތީ ވެރިޔާ އަލީ އަކްބަރު އަހުމަދީއަން ވިދާޅުވެއްޖެއެވެ.

އީރާނުގެ އެންމެ މަތީ ގައުމީ ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީކަން ކުރައްވާ އަހުމަދީއަން ވިދާޅުވީ ޒަޔަނިސްޓުން ސޫރިއާގެ ސަރަހައްދުތައް ހިފުމާއެކު ކުރިއަށް އޮތް އަހަރުތަކުގައި ފާޅުވާނެ އާ ދެކޮޅުވެރިކަމެއް އުފެދިއްޖެ ކަމަށެވެ.

އޮމާންގެ ޚާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމެއްގައި އަހުމަދީން ވިދާޅުވީ އީރާނުގެ ގިނަ ދުވަސްތަކެއްވީ އެކުވެރިއެއް ކަމަށްވާ ބައްޝާރުގެ ވެރިކަން ޑިސެމްބަރު އަށް ވަނަ ދުވަހު ވެއްޓުނު ފަހުން އީރާނުގެ ތާއީދު އޮންނަ ސަރަހައްދީ ހަނގުރާމަވެރިންގެ ނެޓްވޯކެއް ކަމަށްވާ "އެކްސިސް އޮފް ރެސިސްޓެންސް" ބަލިކަށި ނުވާ ކަމަށެވެ.

ބައްޝާރުގެ ވެރިކަން ވެއްޓުނީ ހަޔާތު ތަހުރީރު އަލް ޝާމް (އެޗްޓީއެސް) ޖަމާއަތް އިސްވެއޮވެ، ސޫރިއާގެ އިދިކޮޅު ފަރާތްތަކުން ގެނައި ވަރުގަދަ އިންގިލާބަކަށްފަހު، ވެރިރަށް ދިމިޝްގު ހިފުމުންނެވެ. ވެރިކަން ވެއްޓުމާއެކު އިސްރާއީލުން ވަނީ ސޫރިއާގެ އަސްކަރީ މަރުކަޒުތަކަށް އެތައް ސަތޭކަ ވައިގެ ހަމަލާއެއް ދީފައެވެ.

އަދި 1967 ވަނަ އަހަރު އަރަބި އިސްރާއީލުގެ ހަނގުރާމައިގައި އިސްރާއީލުން ހިފާފައިވާ ގޯލާން ހައިޓްސްއާއި ސޫރިއާއާ ދެމެދު އދ.އިން ކޮންޓްރޯލުކޮށްފައި އޮންނަ ބަފާ ޒޯނެއްގައިވެސް އިސްރާއީލު ސިފައިން ގާއިމުވެ ތިއްބެވެ.

އޭގެ ފަހުން އީރާނުން ވަނީ ސޫރިއާގެ ބިންތައް އިސްރާއީލުން އަތުލައިގަތް މައްސަލަ ކުށްވެރިކޮށްފައެވެ.

comment ކޮމެންޓް