އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ހުންނަ އޮފީސް އިމާރާތެއްގައި އަލިފާން ރޯވެ، މާބަނޑު އަންހެނަކު ހިމެނޭހެން 22 މީހުން މަރުވެއްޖެއެވެ.
އޭގެތެރޭގައި ހަތް ފިރިހެނުންނާއި 15 އަންހެނުން ހިމެނެއެވެ. އެ މީހުންގެ ހަށިތައް ވަނީ ޖަކާޓާގާއި ހުންނަ ފުލުހުންގެ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ.
އެ ހާދިސާގައި އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހަކަށްވެސް ވަނީ އަނިޔާވެފައެވެ.
ކަމާބެހޭ ފަރާތްތަކުން ބުނީ ގިނަ މީހުން މަރުވެފައިވަނީ އަލިފާނުން އެރި ދުމުގެ ސަބަބުން ކަމަށެވެ.

އަލިފާން ރޯވި ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހަކަށް އަނިޔާވެފައި -- ފޮޓޯ/ އޭޕީ
ފުލުހުން ބުނީ އަލިފާން ރޯވީ، ޑްރޯން ކުންފުންޏެއްގެ ސޭލްސް އެންޑް ސްޓޯރޭޖް އޮފީހެއްގެ ގޮތުގައި ބޭނުންކުރި ހަތް ބުރީގެ އިމާރާތެއްގައި ކަމަށެވެ.
ސެންޓްރަލް ޖަކާޓާގެ ޕޮލިސް ޗީފް ސުސާޓިއޯ ޕޫރްނޯމޯ ކޮންޑްރޯ ވިދާޅުވީ ފުރަތަމަ ރޯވެފައި ވަނީ ކެމަޔޯރަންގައި، އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ. ފަހުން އަލިފާންގަނޑު ފެތުރުނީ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާގައި 22 މީހުން ވަނީ މަރުވެފައި -- ފޮޓޯ/ އޭޕީ
އަލިފާންގަނޑު ކޮންޓްރޯލް ކުރަން މަސައްކަތް ކުރުމަށް އެތައް ސަތޭކަ މުވައްޒަފުންނާއި 29 ފަޔާ ޓްރަކް ވަނީ ހަރަކާތްތެރިވެފައެވެ. އަލިފާން ނިއްވާލެވުނީ ތިން ގަޑިއިރުގެ މަސައްކަތަށްފަހުއެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
އަލިފާން ރޯވި ގަޑިއަކީ އެ އިމާރާތުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުން މެންދުރު ކެއުމަށް ބޭރަށް ނިކުތް ގަޑިއެއް ކަމަށްވެސް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ނޫހުން ރިޕޯޓުކޮށްފައިވެއެވެ.