އިންޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް، ފައިސަލް އެ މަޖިލީހަށް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރެއްވި ޒިޔާރަތުގެ ތެރެއިން.

އިންޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ރައީސް ޕުއާން މަހާރާނީގެ ދައުވަތަކަށް، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފިއެވެ.

ފައިސަލް، އިންޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލީހަށް ވަޑައިގަތުމުން، އެ މަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

މަޖިލީހަށް ޒިޔާރަތް ކުރެއްވުމަށް ފަހު ފައިސަލް ވަނީ، މަޖިލީހުގެ ރައީސް ޕުއާން މަހާރާނީއާ ބައްދަލު ކުރައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އިންޑޮނޭޝިއާއާ ދެމެދު އޮތް 50 އަހަރުވީ ގާތް ގުޅުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އޭގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުމާއެކު، ދެ ގައުމު އެކުގައި ކުރިއަށް ދިޔުމުގެ މުހިންމުކަމާ މެދު ވަނީ މަޝްވަރާ ކުރައްވާފައެވެ.

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އަދި އިންޑޮނޭޝިއާ ގެ ގާނޫނު ހަދާ މަޖިލީހުގެ ސްޕީކާ ޕުއާން މަހާރާނީ

މީގެ އިތުރުން ރާއްޖެއާއި އިންޑޮނޭޝިއާއިން ގުޅިގެން ކުރެވޭނެ ކަންތައްތަކާ މެދު ދެ ބޭފުޅުން ވާހަކަ ދައްކަވައި، ތަފާތު ގިނަ ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރަން މަޝްވާރަކުރެއްވިއެވެ. އެގޮތުން ތައުލީމީ ދާއިރާއާއި، ސިއްހީ ދާއިރާއާއި، މޫސުމީ ދާއިރާއާއި، އިގުތިސާދީ ދާއިރާގެ އިތުރުން ގުޅިގެން އެކުގައި ކުރިއަށް ދެވޭނެ އެހެން ދާއިރާތަކާ މެދު ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ޕުއާން މަހާރާނީ ވަނީ، މަޝްވަރާ ކުރެއްވި ދާއިރާތަކުން ދިވެހި ސަރުކާރާ ގުޅިގެން އެކުގައި ކުރިއަށް ދިއުމާ މެދު ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

ރާއްޖެއާއި އިންޑޮނޭޝިއާއިން ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1974 ވަނަ އަހަރެވެ.

comment ކޮމެންޓް