އިސްރާއީލަށް ހަރުކަށި އަދަބު ދޭނެ ކަމަށް އީރާނުން ބުނެފި

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ (ކ) އާއި ޝަހީދުކޮށްލައިފައިވާ ހަމާސްގެ ސިޔާސީ ގޮފީގެ އެންމެ އިސް ލީޑަރު އިސްމާއީލު ހަނިއްޔާ (ވ). ފޮޓޯ/ފަސްޓް ޕޯސްޓް

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ އިސް ވެރިޔާ އިސްމާއީލު ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް އިއްޔެ ދިން ހަމަލާއެއްގައި ޝަހީދުކޮށްލި މައްސަލައިގެ ބަދަލުގައި އިސްރާއީލަށް ހަރުކަށި އަދަބު ދޭނެ ކަމަށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ހަނިއްޔާ ޝަހީދުކޮށްލި މައްސަލައިގައި ބަދަލު ހިފުމަކީ އީރާނުގެ ވާޖިބެއް ކަމަށެވެ.

"ޓެރަރިސްޓް ޒަޔަނިސްޓް ވެރިކަމުން ވަނީ އަހަރެމެންގެ ގޭގައި ހުރި އަހަރެމެންގެ ލޮބުވެތި މެހެމާން ޝަހީދުކޮށް އަހަރެމެން ރޮއްވައިލައިފައި. އެމީހުން އެ ތައްޔާރުވީ އަމިއްލައަށް ހަރުކަށި އަދަބެއް ލިބިގަތުމަށް." ޚާމަނާއީ އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން އީރާނުން ވަނީ ހިތާމަ ފާޅުކުރުމުގެ ގޮތުން ތިން ދުވަހަށް އެ ގައުމު ބަންދުކޮށްފައެވެ.

ހަނިއްޔާގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ މިއަދުއެވެ. އޭގެ ފަހުން ހަނިއްޔާގެ ހަށިގަނޑު ގަތަރުގެ ދޯހާއަށް ބަދަލުކުރާނެ ކަމަށް ހަމާސްގެ ޓެލެގްރާމް ޗެނަލުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ހަށިގަނޑު ވަޅުލާނީ ހުކުރު ދުވަހު ދޯހާގައި ކަމަށްވެސް ހަމާސް އިން ވަނީ ބުނެފައެވެ.

އެ ހަމަލާއާ ބެހޭ ގޮތުން އިސްރާއީލުން އަދި އެއްޗެއް ނުބުނި ނަމަވެސް އިސްރާއީލުން ވަނީ މީގެ ކުރިން އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި 1،197 މީހުން މަރުވުމާ ގުޅިގެން ހަނިއްޔާ އާއި ހަމާސްގެ އެހެން ލީޑަރުން މަރާލާނެ ކަމަށް ބުނެފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 39،400 މީހުން ޝަހީދުކޮށްލައިފައިވާ ކަމަށް ފަލަސްތީނުގެ ސިއްޚަތާބެހޭ ވުޒާރާއިން ބުނެއެވެ.

comment ކޮމެންޓް