ރާއްޖޭގައި ހިންގާ އުމްރާ ޖަމާއަތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހަތް ވަރަކަށް ޖަމާއަތް ކޮންމެ އަހަރަކު ވެސް ފާހަގަކުރަން އަމާޒު ހިފައިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މިހާރު ވެސް މީހުން އުމްރާއަށް ގެންދަން 50 ވަރަކަށް ޖަމިއްޔާ ހިންގާ ކަމަށެވެ. އެ ޖަމާއަތްތަކާއެކު މަހާސިންތާއެއް ބާއްވައި، އުމްރާއަށް މީހުން ގެންދިޔުމާ ގުޅޭ ގަވައިދުތަކާ ބެހޭ މަޝްވަރާ ކުރަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒެއް އުމްރާއަށް މީހުންގެންދާ ޖަމާއަތްތަކުގެ ތެރެއިން ކޮންމެ އަހަރަކު ފަސް ނުވަތަ ހަތް ޖަމާއަތަށް ސްޓާ ދިނުން،" ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭރުން ޖަމާއަތްތަކުން ޚިދުމަތްތައް ވެސް ރަނގަޅުކުރާނެ ކަމަށާއި ސްޓާ ނުވަތަ އެވޯޑްދިނުމަކީ އެ ވުޒާރާގެ ތަސައްވަރެއް ކަމަށެވެ.
ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ މަހާސިންތާތަކަކީ ސަރުކާރުގެ ބަޖެޓުން ބާއްވާ މަހާސިންތާތަކެއް ނޫންކަމަށާއި އެއްވެސް ޚަރަދެއް ނުކޮށް އެފަދަ މަހާސިންތާތައް ބޭއްވޭނެ ނިޒާމު ފަހިވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޒަކާތާ ގުޅޭ މަހާސިންތާތައް ވެސް މިހާރު ކުރިއަށް ގެންދަން ޖެހޭ ކަމަށާއި ޒަކާތާ ބެހޭ ކަންތައްތައް މިހާރު ކުރިއަށްދަނީ ވަރަށް ހަރުދަނާކޮށް އިތުބާރު ހުރި މަގުންކަމަށެވެ.
"މިދިޔަ ހައެއްކަ މަސް ތެރޭގައި 50 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޒަކާތު ފަންޑަށް ޖަމާވެފައި. އަޅުގަނޑުމެންގެ އަމާޒަކީ އަހަރު ނިމިގެންދާއިރުގައި 100 މިލިޔަނާ ގާތްކުރުން،" ޝަހީމް ވިދާޅުވިއެވެ.
ޙައްޖާއި އުމްރާއަށް މީހުން ގެންދާ ބައެއް ގުރޫޕުތަކުން އަމަލު ކުރާ ނުރަނގަޅު އުސޫލުތަކުގެ ސަބަބުން އެތައް ބަޔަކަށް މީގެ ކުރިން ލަނޑު ލިބިފައި އެބަހުއްޓެވެ.
އެފަދަ ކުންފުނިތައް ފާހަގަކޮށް، އުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ ނެތް ކުންފުންޏަކަށް އެއްވެސް ފަރާތަކުން އުމްރާގެ އަޅުކަމަށް ފައިސާ ނުދެއްކުމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން އިލްތިމާސްކޮށްފައިވެއެވެ.