މިއަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން ވޯލްޑްގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު އަނެއްކާވެސް ސޮއިކޮށްފިއެވެ.
މިއީ ރާއްޖޭގައި ބާއްވާ މި ބައިނަލްއަގުވާމީ މުބާރާތަށް ދިރާގުން ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރި ތިންވަނަ އަހަރެވެ.
މިއަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން ވޯލްޑް ޓުއާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ވަރުނުލާ ރާޅުގަނޑުގައެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)އިން އިންތިޒާމްކޮށްގެން ބާއްވާ މި ހަރަކާތަކީ ރާއްޖޭގައި ބާއްވާ މޯލްޑިވްސް ޕްރޯ ސީރީޒްގެ ތިން ވަނަ އެޑިޝަންއެވެ.
ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ވިޒިޓް މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި މަސައްކަތް ކުރަމަކީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ދުނިޔޭގެ ފެންވަރުގައި ތަރުހީބު ލިބިފައިވާ މި މުބާރާތަށް އަނެއްކާވެސް ހައިސްޕީޑް ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށްދީ، ބޭރުގެ ބެލުންތެރިންނަށް އަޅުގަނޑުމެންގެ ލޯކަލް އެތުލީޓުންގެ ހުނަރާއި ރާއްޖޭގެ އަޖައިބު ކުރުވަނިވި ރާޅު ބްރޭކްތައް ފެނުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" އޭނާ ވިދާޅުވިއެވެ.
ދިރާގުން ބުނީ އެކުންފުނީގެ މަގުސަދަކީ ރާއްޖޭގެ ކުޅިވަރާއި މުނިފޫހިފިލުވުން ހަރުދަނާކުރާ މިފަދަ އިވެންޓުތަކަށް ހިތްވަރުދީ، ޖަމިއްޔާތަކަށް އާ ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ.