އެމްއައިބީގެ ޚާއްޞަ ޢާންމު ޖަލްސާ ބާއްވައި، ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ މިއަހަރުގެ ޚާއްޞަ ޢާންމު ޖަލްސާ "ފަހިވޯޓު" ޕްލެޓްފޯމް މެދުވެރިކޮށް މިއަދު ބާއްވައިފިއެވެ.

އެ ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާ ތަމްސީލުކުރާ ހިއްސާދާރުން ބައިވެރިވެފައިވާކަމަށް އެ ބޭންކުން މަޢުލޫމާތުދެއެވެ.

މިއަދުގެ ޖަލްސާގައި، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ވަނީ އައްޔަންކޮށްފައެވެ. އެގޮތުން، ބޭންކުގެ ބޯޑުގައި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ތަމްސީލުކުރާނެ ނޮން-އެކްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމަށް ޙަސަން ޙަމޫދު އައްޔަންކުރުމަށް ހިއްސާދާރުން ވަނީ ފާސްކޮށްފައެވެ.

އެމްއައިބީން ހާމަކުރި ގޮތުގައި، ޙަމޫދު އެ މަގާމަށް އައްޔަންކޮށްފައިވަނީ، ވޯޓުގައި ބައިވެރިވި ހިއްސާދާރުންގެ 100 އިންސައްތަ (17,186,661 ވޯޓު) ވޯޓާއެކުގައެވެ.

މީގެ އިތުރުން، ބޭންކުގެ ބޯޑަށް އަލަށް އައްޔަންކުރި ޙަސަން ޙަމޫދު ވަނީ އިންވެސްޓްމަންޓް އަދި އިކޮނޮމިކް ރިސާޗްގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފަައިކަން އެމްއައިބީން ހާމަކުރިއެވެ. އަދި އޭނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އެޑިންބަރާ އިން އިކޮނޮމިކްސް އެންޑް ލޯ އިން މާސްޓާސް (އޮނާސް) ހާސިލުކުރައްވައި، ސީއެފްއޭ ޕްރޮގްރާމްގެ ލެވެލް 1 ފުރިހަމަކުރައްވާފައި ކަމަށް ބެންކުން ހާމަކުރިއެވެ.

ޙަމޫދު މިހާރު ހުންނެވީ ޕެންޝަން އޮފީހުގެ ސީނިއާ މެނޭޖަރު، އިންވެސްޓްމަންޓް އެންޑް އެޑްވައިޒަރީ ސާވިސަސްގެ މަގާމުގައެވެ.

މީގެ އިތުރުން ވެސް، ޙަމޫދު ވަނީ ޕެންޝަން އޮފީހާއި، ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ފަދަ އިދާރާތަކުގައި މުހިއްމު މަގާމުތަކެއް އަދާކުރައްވާފައެވެ.

މިއަދުގެ ޖަލްސާގައި، ބޭންކުގެ އާންމު ހިއްސާދާރުންގެ ތެރެއިން އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް ވެސް މެންބަރަކު ވަނީ އައްޔަންކޮށްފައެވެ. އެގޮތުން މި މަގާމަށް އިންތިޚާބު ކޮށްފައިވަނީ އިޔާޒް ވަޙީދެވެ. އޭނާ މި މަގާމަށް އިންތިޚާބުވީ ވޯޓު ދިން އާންމު ހިއްސާދާރުންގެ 55.20 އިންސައްތަ (352,614 ވޯޓު) ގެ އަޣުލަބިއްޔަތުންނެވެ. މިއީ މި މަގާމަށް އިޔާޒު ވަޙީދު އިންތިޚާބުވި ދެވަނަ ދައުރެވެ.

comment ކޮމެންޓް