މިދިޔަ އޮކްޓޯބަރު މަހު ދައުލަތަށް 2.28 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބި، މިދިޔަ އަހަރުގެ އޮކްޓޯބަރަށްވުރެ 11.8 އިންސައްތަ އިތުރުވެފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދައުލަތުގެ ޓެކުހާ ބެހޭ އިދާރާ، މީރާއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ އޮކްޓޯބަރު މަހު ޓެކުހުން 1.90 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އެއީ ސެޕްޓެންބަރު މަހު ޓެކުހުން ލިބުނު 1.86 ބިލިއަން ރުފިޔާއަށް ވުރެ 2.15 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ އޮކްޓޯބަރު މަހު މީރާއަށް 1.90 ބިލިއަން ރުފިޔާ ޓެކުހުން ލިބުނުއިރު އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކުހުގެ ގޮތުގައި އެ އިދާރާއަށް ލިބުނު 1.69 ބިލިއަން ރުފިޔާއަށް ވުރެ 12.42 އިންސައްތައިގެ އިތުރުވުމެކެވެ.
އެ ތަފާސްހިސާބުތަކުގައިވާ ގޮތުން އޮކްޓޯބަރު މަހު ގްރީން ޓެކުހުގެ ގޮތުގައި މީރާއަށް ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ. އެގޮތުން ސެޕްޓެންބަރު މަހު ގްރީން ޓެކުހުގެ ގޮތުގައި 202.12 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ މަހު ގްރީން ޓެކުހުގެ ގޮތުގައި ލިބުނީ 156.16 މިލިއަން ރުފިޔާއެވެ.
އޭގެ އިތުރުން އެއާޕޯޓުން ފުރާ މީހުން އަތުން ނަގާ ޓެކްސް ވެސް ސެޕްޓެންބަރު މަހާ އަޅާ ބަލާއިރު އޮކްޓޯބަރު މަހު ވަނީ ދަށްވެފައެވެ. އެގޮތުން އެއާޕޯޓުން ފުރާ މީހުން އަތުން ސެޕްޓެންބަރު މަހު މީރާއަށް 172.81 މިލިއަން ރުފިޔާ ލިބުނުއިރު، އޮކްޓޯބަރު މަހު އެ އަދަދު ވަނީ 148.62 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.
ނަމަވެސް ދެން ހުރި ޓެކުހުގެ ބާވަތްތަކުން މީރާއަށް ލިބުނު އާމްދަނީ ވަނީ ސެޕްޓެންބަރު މަހަށް ވުރެ އިތުރުވެފައެވެ.
ޓެކުހުގެ ގޮތުގައި މީރާއަށް އޮކްޓޯބަރު މަހު ލިބުނު އާމްދަނީއަށް ބަލާއިރު އޭގެ ތެރޭގައި ޖީއެސްޓީގެ ބާވަތްތަކުން ލިބުނު 1.34 ބިލިއަން ރުފިޔާއާއި އިންކަމް ޓެކުހުގެ ގޮތުގައި ލިބުނު 247.71 މިލިއަން ރުފިޔާއާއި ފުރާ މީހުން އަތުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު 148.62 މިލިއަން ރުފިޔާ ހިމެނެއެވެ.
ޓެކްސް ނޫން އާމްދަނީއަށް ބަލައިލާއިރު އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 150.57 މިލިއަން ރުފިޔާ، ވިޔަފާރި ހުއްދަތަކުގެ ގޮތުގައި 1.28 މިލިއަން ރުފިޔާ، ޖޫރިމަނާގެ ގޮތުގައި 7.66 މިލިއަން ރުފިޔާ އަދި ކޯޓާ ފީގެ ގޮތުގައި 42.71 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ޒަކާތުގެ ގޮތުގައި 5.28 މިލިއަން ރުފިޔާ ވެސް މީރާއަށް ލިބިފައިވާ ކަމަށް އެ ތަފާސްހިސާބުތަކުގައިވެއެވެ.
އެހެންކަމުން މިދިޔަ އޮކްޓޯބަރު މަހު 2.28 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ތަފާސްހިސާބުތަކުގައިވެއެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އާމްދަނީގެ ގޮތުގައި ލިބުނު 2.04 މިލިއަން ރުފިޔާއަށް ވުރެ 11.76 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި މިއީ މީރާއިން މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށް ވުރެ 14 ޕަސެންޓު އިތުރު އަދަދެކެވެ.