ދިވެހިންގެ ގުޅުންތައް ފަހިކޮށްދޭ އުރީދޫއަށް 19 އަހަރު

އުރީދޫ ކަލާ ރަންއެއްގެ ތެރެއިން: އުރީދޫ މޯލްޑިވްސްއަށް ވަނީ 19 އަހަރު ފުރިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ 19 އަހަރުކުރިން، ގަތަރުގެ ވަތަނިއްޔާ ޓެލެކޮމް (މިހާރުގެ އުރީދޫ) ކުންފުނީގެ ޚިދުމަތްތައް ރާއްޖެއަށް ތައާރަފުކުރަން ސަރުކާރުން ނިންމި ނިންމުންވީ ރާއްޖޭގެ ޓެލެކޮމް ދާއިރާއަށް އައި އިންގިލާބީ ބަދަލެއްގެ ފެށުމަށެވެ.

މި ޚިދުމަތްތައް ރާއްޖެއަށް ތައާރަފުކުރަން ސަރުކާރުން ނިންމީ ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލުތަކަކާ އެކުގައެވެ. އޭރު އެންމެ ކުންފުންޏަކުން ރާއްޖޭގެ ޓެލެކޮމް ސިނާއަތުގައި ޚިދުމަތް ދެމުން ދިއުމާއެކު، ސަރުކާރުން ނިންމީ އުރީދޫގެ ޚިދުމަތް ރާއްޖެއަށް ތައާރަފު ކުރުމަށެވެ. އެއީ، އެ ޚިދުމަތް އާންމުންގެ އަތްފޯރާފަށަށް އަގުތަށް ތިރިކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ދާއިރާ ވާދަވެރިކަމަށް ހުޅުވާލުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ވިސްނިގެންނެވެ.

އުރީދޫން ރާއްޖެއާ ގުޅާލަދިން ސަބްމެރިން ކޭބަލް އިފުތިތާހުކޮށްދިނުމުގެ ރަސްމިއްޔާތު ބޭއްވީ ރާއްޖޭގައި އެ ކުންފުނިން ޚިދުމަތް ދޭންފެށިތާ އަހަރެއް ވެސް ނުވަނީސް 2006ވަނަ އަހަރުއެވެ.

ބައިނަލްއަގުވާމީ ޕީސް ކޭބަލް ރާއްޖެއަށް ގުޅާލުމުގެ އަމަލީ މަސައްކަތް ފެށުން -- ފޮޓޯ/ އުރީދޫ

ދެހާސްފަސްވަނަ އަހަރުގެ އޮގަސްޓުމަހު ރާއްޖޭގައި ހިދުމަތް ދޭން ފެށި ކުންފުނި ކާމިޔާބު ކުންފުންޏަކަށް ވާންފެށީ އެންމެ ހަތް މަސްތެރޭއެވެ. މަސައްކަތުގައި ހުރި ދަތި އުނދަގޫތަކާއެކު ވެސް މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކޮށް، ސަބް މެރިން ކޭބަލް ގެނެސް، ދާއިރާގައި ފައިހަމަކޮށްލީއެވެ.

އެއަށް ފަހު އެ ކުންފުނި 3ޖީ އާއި 4ޖީ ރާއްޖެ ގެނެސްދީ، މިހާރު އެ ވަނީ ރާއްޖޭގެ 60 އިންސައްތައަށް 5ޖީގެ ޚިދުމަތް ފުޅާކޮށްފައެވެ.

އެ މަސައްކަތުގައި ދެން އޮތީ މުޅި ރާއްޖެއަށް އެ ޚިދުމަތް ފުޅާކޮށް، ހަލުވި ސްޕީޑާއެކު އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ރަނގަޅު 5ޖީ ނެޓްވޯކެއް ލިބިދިނުންކަން އުރީދޫން ފާހަގަކޮށްފައިވެއެވެ.

މިއީ ޚިދުމަތުގެ ދާއިރާގައި އުރީދޫގެ ގިނަ ކާމިޔާބީތަކުގެ މަދު މިންވަރެކެވެ. މީގެ އިތުރުން، އެ ކުންފުނިން އަންނަނީ އިޖްތިމާއީ ޒިންމާގެ ދަށުންނާއި، އެހެނިހެން ގޮތްގޮތުން، ދިވެހިންނަށް ބޭނުންޖެހިފައިވާ އެކި ކަންކަމުގައި އިސްނަގާ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ކްރޮސްރޯޑްސްގައި މިދިޔަ އަހަރު ބޭއްވި އުރީދޫ އަހަރީ އާންމު ޖަލްސާގެ ތެރެއިން ---

އެގޮތުން އުރީދޫގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2020ވަނަ އަހަރުން ފެށިގެން 2022ވަނަ އަހަރާ ހަމައަށް ކޮމިއުނިޓީ ޑިވެލޮޕްމަންޓުގެ ގޮތުގައި ނުވަތަ އިޖުތިމާއީ ޒިންމާގެ ދަށުން ހިންގި ހަރަކާތްތައް ވަނީ އިތުރުވެފައެވެ. އެގޮތުން، 2020ވަނަ އަހަރު މިފަދަ 24 ހަރަކާތެއް ކުރިއަށް ގެންދިޔައިރު، އެކަމަށް 4,607,361 ރުފިޔާ ހޭދަކޮށްފައި ވެއެވެ. އަދި ޖެހިގެން އައި 2021ވަނަ އަހަރު 47 ހަރަކާތް ކުރިއަށް ގެންދިޔަ އިރު، 3,536,546 އެކަމަށް ހޭދަކޮށްފައި ވެއެވެ.

އުރީދޫން 2022ވަނަ އަހަރު އިޖުތިމާއީ ޒިންމާގެ ދަށުން 62 ހަރަކާތެއް ހިންގައި، އެ ހަރަކާތްތަކަށް 7,265,161 ރުފިޔާ ހޭދަކޮށްފައިވެއެވެ.

އުރީދޫގެ މިދިޔަ އަހަރުގެ މަސްރޭހުގެ އެންމެ މޮޅު އަންހެން ކެޔޮޅު ފެޒޫ އަށް އިނާމު ހަވާލުކުރަނީ --- ފޮޓޯ/ އުރީދޫ

މީގެ އިތުރުން، މި ކުންފުނިން އުރީދޫ ފަން ރަންގެ ނަމުގައި ބާއްވާ ބޮޑު ދުވުމަކީ ފާހަގަކޮށްލެވޭ ހަރަކާތެވެ. ކޮންމެ އަހަރަކު އުރީދޫ މަސްރޭސް ވެސް ފޯރިގަދަ ހަރަކާތެއްގެ ގޮތުގައި ބާއްވާއިރު، މިއަހަރު މި ހަރަކާތް ބާއްވަން ހަމަޖެހިފައި ވަނީ އެހެން އަހަރުތަކަށްވުރެ ބޮޑުކޮށް ތިން ރަށެއްގައެވެ.

އުރީދޫން ގިނަ މަސައްކަތްތައް ކުރަނީ ރައްޔިތުންނާ ގާތުންނެވެ. އެގޮތުން، ރޯދަމަހު އިފްތާރް ޕެކް ބެހުމާއި ޒަކާތް ދެއްކުމަށް ފަހި މަގުތައް ފޯރުކޮށްދިނުން އަދި ކުލަގަދަ ގޮތެއްގައި އީދުތައް ފާހަަގަކުރުން ހިމެނެވެ.

މި ހުރިހާ މުނާސަބަތަކާ ގުޅިގެން އުރީދޫގެ ޚިދުމަތްތަކުން ރައްޔިތުންނަށް ޚާއްސަ ޕްރޮމޯޝަންތައް ވެސް ހުޅުވާލައެވެ.

އުރީދޫގެ އިމާރާތް: އެ އިމާރާތް ހުޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މިއަހަރު، އުރީދޫގެ 19ވަނަ އަހަރީ ދުވަސް ފާހަގަކުރަމުން ދާއިރު އެ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދެނީ ޚިދުމަތެއްގެ އިތުރުން އުފާވެރިކަމެވެ. ވޭތުވެދިޔަ ދިގު މާޒީގައި އޮތީ ފާހަގަކުރެވޭ ކާމިޔާބީތަކެވެ.

އަބަދުވެސް، ކަސްޓަމަރުންނާ އެންމެ ގާތުން މަސައްކަތް ކުރަމުން އަންނަ އުރީދޫއިން ދެނީ ކުރިއަށް އޮތްތަނުގައި ވެސް ފަސޭހަ، ލުއި އެތައް ކަމެއް ތައާރަފުކޮށްދޭނެ ކަމުގެ ޔަގީންކަމެވެ. ފަޚުރުވެރިކަމާއެކު "މަވެސް އުރީދޫ"އޭ ބުނެލެވޭނެ ކަމުގެ ޔަގީންކަމެވެ.

comment ކޮމެންޓް