އެޗްއާރުސީއެމަށް ހަބީބް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ހަބީބް: އެޗްއާރުސީއެމަށް ހަބީބް އައްޔަން ކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ ---- ފޮޓޯ/ މަޖިލިސް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ހަބީބް އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އޭނާގެ ނަން ފޮނުއްވީ މި މަހުގެ 15ގައެވެ. އެ މައްސަލަ ދިރާސާކުރި ހިއުމަން ރައިޓްސް ކޮމިޓީން މިދިޔަ އާދިއްތަ ދުވަހު ވަނީ އެ ކޮމިޓީއަށް ހަބީބް ހާޒިރުކޮށް އޭނާއާ އިންޓަވިއު ކޮށްފައެވެ.

އެކަމާ ގުޅުވައި ގޮތެއް ނިންމުމަށް އިއްޔެ އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވިދާޅުވީ، ހަބީބަށް އެވަރެޖުކޮށް 75 ޕަސަންޓަށްވުރެ އިތުރަށް މެންބަރުން މާކްސް ދީފައިވާ ކަމަށެވެ.

އެހެންވެ، ކޮމިޓީގައި އިއްޔެ ނެގި ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ، ހަބީބަކީ އެޗްއާރުސީއެމްގެ މެންބަރު ކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ގާބިލު ބޭފުޅެއް ކަމަށް ފާސްކޮށްފައެވެ.

https://sun.mv/194903

މިއަދު މަޖިލީހުން ނެގި ވޯޓުގައި އެމަގާމަށް ހަބީބް އައްޔަންކުރުމަށް ފާސްކުރީ 74 މެންބަރުންގެ ވޯޓާއެކުގައެވެ. އަދި، އެމަގާމަށް ހަބީބް އައްޔަން ކުރުމަށް ނުފެންނަ ކަމަށް ތިން މެންބަރަކު ވޯޓު ދީފައިވެއެވެ.

އީސީގެ މެންބަރުކަމުގައި ދިގު މުއްދަތެއް ހޭދަކުރެއްވި ހަބީބުގެ މެންބަރުކަމުގެ ދައުރު ހަމަވީ މިދިޔަ މާޗު މަހުގެ 13ވަނަ ދުވަހަށެވެ.

އޭނާ ވަނީ އީސީގައި 21 އަހަރު މަސައްކަތް ކުރައްވާފައެވެ.

އީސީގެ ނައިބު ރައީސްކަމުގައި ހަބީބް އެ ކޮމިޝަންގެ މެންބަރުކަން ކުރައްވާފައިވަނީ ދެ ދައުރެއްގައެވެ. އެހެންވެ، ގާނޫނު ބުނާ ގޮތަށް އޭނާއަށް އިތުރު ދައުރެއް އަދައެއް ނުކުރެއްވެއެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު ވެސް މިހާރު ހުންނެވީ ދެވަނަ ދައުރުގައެވެ. އޭނާގެ ދައުރު ހަމަވާނީ ނޮވެމްބަރު މަހެވެ.

comment ކޮމެންޓް