ގެދޮރުވެރިކަމާގުޅޭ ދާއިމީ ކޮމިޓީއެއް މަޖިލީހުގައި އުފައްދައިފި

ވިހިވަނަ މަޖިލިސް: ގެދޮރުވެރިކަމާ ގުޅޭ ދާއިމީ ކޮމިޓީއެއް އެކުލަވާލަން ވަނީ ފާސްކޮށްފަ -- ފޮޓޯ/ މަޖިލިސް

ގެދޮރުވެރިކަމާގުޅޭ ދާއިމީ ކޮމިޓީއެއް ރައްޔިތުންގެ މަޖިލީހުގައި މުޅިން އަލަށް އުފައްދައިފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ އެ ކޮމިޓީ އުފައްދަވާފައިވާކަން އިއުލާނު ކުރައްވާފައެވެ. މިއަދުގެ ވޯޓުގެ ގަޑީގައި އެ ކޮމިޓީގެ މެންބަރުންގެ އަދަދާއި މެންބަރުންގެ ނަންތައް ފާސްކޮށްފައިވާއިރު، އެ ނިންމުމުގެ ތަފްސީލު އަދި ހިއްސާކޮށްފައެއް ނުވެއެވެ.

އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަޖިލީހުގެ ގަވައިދުގެ 134ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި، ގެދޮރުވެރިކަމާ ގުޅުން ހުރި ކަންކަން ދިރާސާކޮށް، އެ މައްސަލަތައް ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ސަރުކާރަށް ލަފާ ދިނުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަވަހަށް ނިންމުމަށް ސަރުކާރަށް ބާރުއެޅުން ހިމެނެއެވެ.

ކޮމިޓީގެ އިތުރު ބައެއް މަސްއޫލިއްޔަތުތައް:

  • ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބަލައި، އެ މަޝްރޫއުތަކާ ގުޅޭގޮތުން ފާހަގަވާ މައްސަލަތައް ދިރާސާކޮށް، އެ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރަށް ލަފާ ދިނުން
  • ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ހައްގު ހަމަހަމަކަމާއެކު ލިބޭތޯ ބެލުން
  • ބޯހިޔާވަހިކަމާގުޅޭ ގައުމީ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލެއް އޮތްނަމަ އެކަމެއް ފާހަގަކޮށް، މަޖިލީހަށް ހުށަހެޅުން
  • ގެދޮރުވެރިކަމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާކުރުން

އެ ކޮމިޓީ އެކުލަވާލުމަށް މަޖިލީހުން ފާސްކުރީ 79 މެންބަރުންގެ ވޯޓުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މީގެކުރިން މަޖިލީހުގައި 16 ދާއިމީ ކޮމިޓީއެއް އޮތް ނަމަވެސް މިދިޔަ ހަފްތާގައި މަޖިލިސް ގަވާއިދު އިސްލާހުކުރީ ގެދޮރުވެރި ކަމުގެ ކޮމިޓީގެ ނަމުގައި އާ ކޮމިޓީއެއް އުފައްދާ ގޮތަށެވެ. އެހެންވެ، މިހާރު މަޖިލީހުގައި 17 ދާއިމީ ކޮމިޓީއެއް އޮންނާނެއެވެ.

މަޖިލީހުގައި ގެދޮރުވެރި ކަމުގެ ކޮމިޓީގެ ނަމުގައި އާ ކޮމިޓީއެއް އުފައްދާފައި ވާއިރު، މިދިޔަ ސަރުކާރުން ރައްޔިތުންނަށް ދޫކުރި ގޯއްޗާއި ފްލެޓު ދިނުން ލަސްވެ، ރައްޔިތުން އަންނަނީ މުޒާހަރާ ކުރަމުންނެވެ.

comment ކޮމެންޓް