ކައުންސިލްގެ ނިޒާމުގައި ރައްޔިތުން ބަލައިނުގަންނަ ކަންތައްތަކެއް އެބަހުރި: ހުސައިން ޝަރީފް

ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފް: ވިދާޅުވީ ބައި އިލެކްޝަންތަކުގައި ވޯޓުލާ ވަރުން، ރައްޔިތުން ބަލައިނުގަންނަ ކަންތައްތަކެއް ހުރިކަން ދައްކައިދީފި ކަމަށް --- ފޮޓޯ/ މަޖިލިސް

ބައި އިލެކްޝަންތަކުގައި ވޯޓުލާ މިންވަރުން ރައްޔިތުން ދައްކުވައިދިނީ، ކައުންސިލްތަކުގެ ނިޒާމުގައި ރައްޔިތުން ބަލައި ނުގަންނަ ކަންތައްތަކެއް ހުރިކަން ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބޭއްވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ހުސައިން ޝަރީފް ވިދާޅުވީ، ކައުންސިލްތަކަށް ފަސް ކައުންސިލަރުން އިންތިޚާބުކޮށްގެން ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްނުދެވުނު ކަމަށެވެ. އެހެންވެ، އެކަމަށް އިސްލާހެއް ހުށަހަޅައިގެން ތިން ކައުންސިލަރުންނަށް ބަދަލު ކުރަން ނިންމީ ނަތީޖާއެއް ނުނިކުންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނުތައް ހަދަނީ ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ރައްޔިތުން އެ ޚިދުމަތް ބަލައިނުގަންނަ ނަމަ، މަޖިލީހުގެ ޒިންމާއަކީ އެ ގާނޫނަށް އިސްލާހެއް ހުށަހަޅައިގެން ރައްޔިތުން އެދޭ ގޮތަށް ބަދަލު ކުރުން ކަމަށެވެ.

އެގޮތުން، ރައްޔިތުން މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން، ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންތަކުގެ ނަތީޖާތަކުން ރައްޔިތުންގެ ބަސް އިއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލިސް: ބައި އިލެކްޝަންތަކުގައި ވޯޓުލާ ވަރުން، ރައްޔިތުން ބަލައިނުގަންނަ ކަންތައްތަކެއް ހުރިކަން ދައްކައިދީފި ކަމަށް މެންބަރު ހުސައިން ޝަރީފް ވިދާޅުވި ----- ފޮޓޯ/ މަޖިލިސް

މިކަމުގެ މިސާލެއްގެ ގޮތުން މެންބަރު ހުސައިން ޝަރީފް ވިދާޅުވީ، މާލޭ ސިޓީގެ ބައި އިލެކްޝަންތަކުގައި 35،000 އެެއްހާ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ވޯޓު ލާފައިވަނީ 7000 އެއްހާ މީހުން ކަމަށެވެ.

އޭގެން މި ދައްކައިދޭ ނަތީޖާއަކީ ރައްޔިތުންގެ ބަސް އިއްވައިފިއޭ، ރައްޔިތުން މި ނިޒާމުގައި އެބަ ހުއްޓޭ ބަލައިނުގަންނަ ކަންތައްތަކެެއް. ބައި އިލެކްޝަންތަކުން ނިކުންނަ ނަތީޖާތަކުން ރައްޔިތުން ވޯޓުލާން ނުނިކުންނަނީ ރައްޔިތުން ގަބޫލު ކުރާ ޚިދުމަތްތަކެެއް ކައުންސިލްތަކުން ވިޔަސް ސިޓީތަކުން ވެސް އެ ފޯރުކޮށްނުދެވޭކަން

އިތުރަށް މި ބިލަށް ބަހުސް ކުރައްވަމުން، އޭނާ ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގެ ކަންކަމަށް ރާއްޖޭން މިސާލު ޖަހާއިރު، އެކަން އެގޮތަށް ކުރުމަށް ރާއްޖޭން ތަސައްރަފު ނުފުދޭ ކަމަށެވެ.

އެގޮތުން، ދުނިޔޭގެ ކަންކޮޅުތަކުގައި މިފަދަ އިންތިޚާބުތައް ބާއްވަނީ އެކަމަށް ބޭނުންވާ ވަސީލަތްތަކާއި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އަސާސީ ކަންތައް ގާއިމުކޮށްގެން ކަމަށް މެންބަރު ހުސައިން ޝަރީފް ވިދާޅުވިއެވެ. ނަމަވެސް، ރާއްޖޭގައި ބައި އިލެކްޝަންތައް ބާއްވަނީ އެކަމަށް ބޭނުންވާ ކަންކަން ރަނގަޅަށް ފުރިހަމަ ނުކޮށް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.

comment ކޮމެންޓް